ކުޅިވަރު

ލަންކާ މެޗްގައި 12ވަނަ ކުޅުންތެރިޔާ ވަރަށް މުހިންމު - ބައްސާމް


މާދަމާ ހަވީރު ރާއްޖެ އާއި ލަންކާ ކުޅޭ މެޗަށް ސަޕޯޓަރުން ވަދެ، ޓީމަށް ސަޕޯޓްކޮށްދިނުމަށް އެފްއޭއެމްއިން އެދިއްޖެއެވެ. އުރީދޫ ސާފް ޗެންޕިއަންޝިޕްގައި މާދަމާ ހަވީރު ރާއްޖެއިން ލަންކާއާއި ދެކޮޅަށް ނިކުންނައިރު، މިމެޗުން މޮޅުވެގެން ރާއްޖެއަށް ފައިނަލް ދިއުމުގެ އުއްމީދު ވަރަށް ބޮޑަށް އާވެގެންދާނެއެވެ. މިމުބާރާތުގައި ރާއްޖެ ކުޅުނު އެންމެ ފުރަތަމަ މެޗުން ނޭޕާލް އަތުން 1 ލަނޑު 0 ލަނޑުން ބަލިވެފައިވާއިރު، ދެވަނަ މެޗްގައި ވަނީ ބަންގްލަދޭޝް އާއި ވާދަކޮށް 2 ލަނޑު 0 ލަނޑުން މޮޅުވެފައެވެ. މިމުބާރާތުގައި ރާއްޖެއަށް ބާކީ ދެ މެޗް އޮތްއިރު، ދެ މެޗުން މޮޅުވެގެން ރާއްޖެއަށް ފައިނަލަށް ދިއުމުގެ ފުރުސަތުވަނީ ހުޅިވިފައެވެ. އެގޮތުން މާދަމާ ހަވީރު ރާއްޖެ ނިކުންނާނީ ސްރީ ލަންކާއާއި ދެކޮޅަށެވެ. އަދި މިއަންނަ ބުދަ ދުވަހު ރޭ ރާއްޖެ ނިކުންނާނީ އިންޑިޔާ އާއި ދެކޮޅަށެވެ.

ރާއްޖެ ކުޅުނު ފުރަތަމަ ދެ މެޗަށް ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފައެވެ. ރާއްޖެއިން ފުރަތަމަ މެޗުގައި ނޭޕާލާއި ދެކޮޅަށް ކުޅުނު މެޗަށް ވުރެއް، ބަންގްލަދޭޝް އަތުން މޮޅުވި މެޗްގައި ދަނޑަށް ވަދެ ތިބި ސަޕޯޓަރުންގެ އަދަދު ގިނައެވެ. އަދި މެޗުގެ ގަޑިއެއްހާއިރު ކުރިން ސަޕޯޓަރުން ދަނޑަށް ވަދެ ޓީމަށް ތަރުހީބުދޭން ވަނީ ފަށާފައެވެ. ބަންގްލަދޭޝް މެޗުން މޮޅުވުމުގައި ސަޕޯޓަރުން ދައުރުވަރަށް ބޮޑުކަން ފާހަގަކޮށްލެވުނެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ފޭސްބުކްގައި ކުރި ޕޯސްޓްއެއްގައި ވިދާޅުވެފައިވަނީ ގައުމީ ޓީމަށް ސްޕޯޓަރުންގެ ސަޕޯޓްވަރަށް މުހިންމުކަމަށާއި މެޗުން މޮޅުވުމަށް 12ވަނަ ކުޅުންތެރިޔާގެ ރޯލް އަދާކޮށްދިނުމަށް ބައްސާމް ވަނީ އެދިވަޑައިގަންފައެވެ.

މުބާރާތުގެ ފައިނަލަށް ދާނީ ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެވެ. މިވަގުތު ތާވަލުގެ އެއް ވަނައިގައި އޮތީ ދެ މެޗުން މޮޅުވެ ހަ ޕޮއިންޓް ހޯދާފައިވާ ނޭޕާލެވެ. ދެ ވަނައިގައި އޮތީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދާފައިވާ ބަންގްލަދޭޝްއެވެ. ތިން ވަނައިގައި ދެމެޗުން ލިބުނު ތިން ޕޮއިންޓާ އެކު ރާއްޖެ އޮތްއިރު ހަތަރު ވަނައިގައި އޮތީ ފުރަތަމަ ދެ މެޗުން އެއްވަރުވެ ދެ ޕޮއިންޓް ލިބިފައިވާ އިންޑިއާއެވެ. ފުލުގައި އޮތް ލަންކާ އަށް ތިން މެޗުން ލިބިފައިވަނީ ޕޮއިންޓެކެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހުގެ 16 ވާ ހޮނިހިރު ދުވަހުއެވެ.