ކުޅިވަރު

މާދަމާގެ މެޗުތަކުގެ ޓިކެޓް ވިއްކަން ފެށުމާއެކު ބޮޑު ކިއުއެއް


އުރިދޫ ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ހަވީރު ރާއްޖޭ ކުޅޭ މެޗަށް ޓީކެޓް ގަތުމަށް ގިނަ ބަޔަކު ކިއު ހަދައިފިއެވެ. މިމުބާރާތުގައި ރާއްޖެ ކުޅޭ ތިންވަނަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ސްރީ ލަންކާއާއި ދެކޮޅަށް. މާދަމާ ހަވީރު ހަތަރެއް ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ ރާއްޖެ ލަންކާ މެޗްގެ ޓިކެޓް ވިއްކަން ފެށުމާއިއެކު ގިނަ ބަޔަކުވަނީ ޓިކެޓް ހޯދުމަށް ބޮޑު ކިއުއެއް ހަދާ ޓިކެޓް ގަންގަން ފަށާފައެވެ.

މާދަމާ ހަވީރު ރާއްޖެ އާއި ލަންކާ ބައްދަލުކުރާއިރު، މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވަނީ ނޭޕާލާއި އިންޑިޔާއެވެ. ނޭޕާލް އާއި އިންޑިޔާ މެޗުގެ ޓިކެޓް ވެސް މިހާރުދަނީ ވިއްކަމުންނެވެ. ގަލޮޅު ބޯޅަ ދަނޑުގެ އޮލިންޕަސް ކުރިމަތީ ގޭޓާއި ދަނޑުގެ ބޮޑު ގޭޓު ކައިރީގައި އިންނަ ޓިކެޓް ކައުންޓަރުންވެސް ޓިކެޓް ވިއްކަމުންދާއިރު، މިދެ ކައުންޓަރު ކުރިމަތީގައިވެސް ވަނީ ބޮޑު ކިއުއެއް ހަދާފައެވެ. މިއަދު ހެދުނު 10 ޖެހިއިރު ޓިކެޓް ވިއްކަން ފަށާފައިވާއިރު، ޓިކެޓް ވިއްކުން ހުއްޓާލާނީ މިރޭ 11 ޖަހާއިރުކަމަށް އެފްއޭއެމްއިން މަޢުލުމާތު ދިނެވެ. މިމުބާރާތުގެ މިހާތަނަށް ކުޅެފައިވާ މެޗްތަކާއި އެއްގޮތަށް މި މެޗަށް ވެސް ކޮންމެ މީހަކަށް ގިނަވެގެން ވިއްކާނީ ފަސް ޓިކެޓެވެ. އަދި ޓިކެޓް ގަންގަން އަންނަ ފަރާތުގެ ވެކްސިން ކާޑާއި އައީޑީ ކާޑު ގެންދަން ޖެހެއެވެ. މިފަހަރުގެ މުބާރާތުގައި އެފްއޭއެމުން ވަނީ ކޮންމެ ޓިކެޓެއްގައި ވެސް ސެކިއުރިޓީ ފީޗާސް ހިމަނައިފައެވެ. ސިޑިބަރީގެ ޓިކެޓް 75 ރުފިޔާ އަށް ވިއްކާއިރު ގޮނޑިބަރީގެ ޓިކެޓްގެ އަގަކީ 100 ރުފިޔާއެވެ.

ފަސް ޓީމް ވާދަކުރާ މިމުބާރާތް ކުރިއަށްދާނީ ލީގް އުސޫލުންނެވެ. އެއީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލްގައި ވާދަކުރާ ގޮތަށެވެ. ލަންކާ މިމުބާރަތުގައި މިހާތަނަށް ތިން މެޗް ކުޅެފައިވާއިރު އެޓީމުވަނީ ދެ މެޗުން ބަލިވެ، އެއް މެޗް އެއްވަރުކޮށްފައެވެ. މާދަމާ ހަވީރު ރާއްޖެ އާއި ދެކޮޅަށް ލަންކާ ނިކުންނައިރު، ލަންކާއަށްވަނީ މުބާރާތުގެ ފައިނަލަށް ދިއުމުގެ ހުރިހާ ދޮރެއް ބަންދުވެފައެވެ.