ސިޔާސީ

އިނގިލީގެ ނިޝާނުގެ މައްސަލާގައި ޖަވާބްދާރީވުމަށް ފުރުސަތުދީފި


ސިޔާސީ ޕާޓީގެ މެމްބަރުންގެ ތެރެއިން އިނގިލީގެ ނިޝާން ހުށައަޅާފައި ނެތް މެމްބަރުންގެ ނަންތައް ޕާޓީތަކުން އުނިކުރުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ މައްސަލާގައި ޖަވާބްދާރީވުމަށް ސިވިލްކޯޓުން އެ ކޮމިޝަނަށް ފުރުސަތު ދެއްވައިފިއެވެ.ސީޔާސީ ޕާޓީތަކުގެ ޤާނޫނަށް ދާދީ ފަހުން ގެނައި އިސްލާހުގައި ބުނެފައިވަނީ ޕާޓީތަކުގެ މެމްބަރުންނަށް ތިބެވޭނީ މެމްބަރޝިޕް ފޯމާއި  އެކު އިނގިލީގެ ނިޝާންވެސް ހުށައަޅައިގެންކަމަށެވެ. މި އިސްލާހާއި އެކު ޕާޓީތަކުގައި ތިބި ހުރިހާ މެމްބަރުންގެ އިނގިލީގެ ނިޝާން ހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މިމަހުގެ ނިޔަލަށް ޕާޓީތަކަށް ފުރުސަތު ހުޅުވާލާފައެވެ. އިލެކްޝަންސް ކޮމިޝަންގެ މި ނިންމުމަކީ ޤާނޫނު އަސާސީއާއި ޚިލާފް ނިންމުމެއްކަމަށްބުނެ އެ ކޮމިޝަނާއި ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށައަޅާފައިވަނީ އެމްޑީޕީއާއި ޑީއާރްޕީންނެވެ.މި މައްސަލާގައި ސުލްހަވެރި ހައްލެއް ހޯދުމަށް މިއަދު ބޭއްވި ފުރަތަމަ ބައްދަލްވުމުގައި މައްސަލައަށް ޖަވާބްދާރީވުމަށް ދައުލަތުގެ ފަރާތުން ފުރުސަތަކަށް އެދިފައިވެއެވެ. މި ފުރުސަތު ދައުލަތަށް ދިނުމަށްފަހު މާދަމާ އިތުރު ބައްދަލްވުމެއް ބޭއްވުމަށް ކޯޓުން ވަނީ ނިންމަވާފައެވެ.ސުޕްރީމް ކޯޓުން ދާދީ ފަހުން ޢަމަލުކުރަން ފެށި އުސޫލްގެ ދަށުން މިނިވަން މުވައްސަސާތައް  ކޯޓްގައި ތަމްސީލްކުރަން ޖެހެނީ ދައުލަތުގެ ބަންޑާރަ ނައިބެވެ. މި އުސޫލްގެ ދަށުން މިއަދު ބޭއްވި ބައްދަލްވުމުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ކޯޓަށް ހާޒިރްވެވަޑައިގެންފައިވަނީ ދަޢުލަތުގެ ބަންޑާރަ ނައިބްގެ އޮފީހުންނެވެ. އިލެކްޝަން ކޮމިޝަނުން ވިދާޅުވީ ޕާޓީތަކުގައި ތިބި މެމްބަރުންގެ ޕިންގަރ ޕްރިންޓް  ހަމަކުރުމަށް ދީފައިވާ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާއިރު، މި މުއްދަތާއި ގުޅިގެން އަދާލަތު ޕާޓީ ފިޔަވާ އެއްވެސް ޕާޓީއަކުން ޝަކުވާއެއް މިހާތަނަށް އެކޮމިޝަނަށް ހުށައަޅާފައިނުވާކަމަށެވެ. އަދި ދީފައިވާ މުއްދަތުގެ ތެރޭގައި ފިންގަރ ޕްރިންޓް ހަމަނުކުރެވިއްޖެނަމަ ބާވީހަކަށް ހާސް މެމްބަރުން ޕާޓީތަކުން އުނިވެގެންދާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.