ޚަބަރު

ޔަހޫދީންނަށް އަޤްޞާގައި އަޅުކަންކުރެވޭނެކަމަށް ކަނޑައަޅައިފި


މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ މަސްޖިދުލް އަޤްޞާގައި ޔަހޫދީންނަށް އަޅުކަންކުރެވޭނެކަމަށް ކަނޑައެޅި ނަމަވެސް އެ ނިންމުން ބަލައިނުގަންނާނެކަމަށް ފަލަސްޠީނުން ބުނެފިއެވެ.

މަސްޖިދުލް އަޤްޞާއާއި އެ މިސްކިތް ވަށައިގެންވާ ސަރަޙައްދުގައި އަޅުކަންކުރެވޭނީ ހަމައެކަނި މުސްލިމުންނަށްކަމަށް ބައިނަލްއަޤްވާމީ ޤާނޫނުތަކުންވަނީ ކަނޑައަޅައިފައެވެ. ނަމަވެސް ޙައްދުފަހަނައަޅާފައިވާ ޔަހޫދީންގެ ޖަމާޢަތްތަކުންވަނީ އެ ބިމުގައި ޔަހޫދީންގެ ފައްޅިއެއް އަޅަން ގޮވާލައި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުގެ ޙިމާޔަތުގައި އެ ސަރަޙައްދަށް ގަދަކަމުން ވަދެގަނެ އެ މީހުންގެ އަޅުކަން ކުރަން ފަށައިފައެވެ. އަދި އަޤްޞާގައި އަޅުކަންކުރުމަކީ ޤާނޫނީ ގޮތުން ކުށްވެރިނުވާނެކަމެއްކަމަށް ކަނޑައެޅުމަށް އިސްރާއީލުގެ ކޯޓަށް މައްސަލަ ހުށަހެޅުމުން ޔަހޫދީން ބޭނުންވި ގޮތަށް އަޤްޞާގައި އަލުކަންކުރުމުގެ ޙުއްދަވަނީ ދީފައެވެ.

އިސްރާއީލުގެ ކޯޓުގެ ނިންމުން ބަލައިނުގަންނަވާނެކަމަށް ވިދާޅުވެ ފަލަސްޠީނުގެ ބޮޑުވަޒީރު މުޙައްމަދު އިބްރާހީމު ޝަތިއްޔާވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގެންފައިވާ ކަންކަން ބަދަލުކުރުމަށް އިސްރާއީލުގެ ޔަހޫދީ ދަޢުލަތުން މަސައްކަތްކުރާކަމަށް ތުޙްމަތުކުރައްވައިފައެވެ. އަދި އަޤްޞާއާ ގުޅޭގޮތުން އައު ގޮތްތަކެއް ކަނޑައެޅުމަށް ކުރަމުންދާ މަސައްކަތްތަކަށް ޖާގަނުދެއްވާނެކަމަށާއި އެ ކަމުގައި ޢަރަބި ޤައުމުތަކުން އެއްބާރުލުން ދިނުމަށް ޝަތިއްޔާވަނީ ގޮވާލައްވައިފައެވެ.

1967ވަނަ އަހަރުގެ ތެރޭގައި ޢަރަބިންނާއި ޔަހޫދީންނާ ދެމެދު ކުރި ހަނގުރާމައިގައި ފަލަސްޠީނުގެ އިރުމަތީ ޤުދުސްސާއި އަޤްޞާ މިސްކިތް ހުންނަ ސަރަޙައްދުވަނީ އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައެވެ. ނަމަވެސް އެއީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގެންފައެއް ނުވެއެވެ.