ކުޅިވަރު

ޖަޕާން ބަލިކޮށް ސައުދީން ފޯމް ދަމަހައްޓައިފި


ވޯލްޑްކަޕް ކޮލިފައިންގައި ޖަޕާން އަތުން ސައުދީ މޮޅުވެ ފޯމް ދަމަހައްޓައިފިއެވެ.
ސައުދީގެ ޖިއްދާގައި ކުޅުނު މެޗުން ޖަޕާނު އަތުން މޮޅުވީ 1-0 ލަނޑުންނެވެ.

މެޗުގައި ޖެހި ހަމައެކަނި ލަނޑު ސައުދީއަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ފިރާސް އަލް ބުރައިހާންއެވެ. މެޗުގެ ފުރަތަމަ ހަމަލާ 35 ޔާޑު ދުރުން ޖަޕާން ގަކީ ޝިބަސްކީ ފޮނުވާލުމުން ސައުދީ ކީޕަރު މުޙައްމަދު އަލް އުވައިސީ ވަނީ ދިފާއުކޮށްފައެވެ. މެޗުގައި ސައުދީއަށް މެޗުގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ގޮނަ ފުރުޞަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.

މިއީ ހަތަރު އަހަރަށްފަހު ޖިއްދާގައި ސައުދީން ޖަޕާން އަތުން ހޯދި ދެވަނަ މޮޅެވެ. މި ނަތީޖާއާއެކު ސައުދީ އޮތީ ގުރޫޕް ބީގެ ދެވަނައިގައެވެ. ކުޅުނު ތިން މެޗުން ސައުދީ ވަނީ 9 ޕޮއިންޓް ހޯދާފައެވެ. ސައުދީ ދެން ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ. މި ގުރޫޕްގައި ހިމެނޭ ޗައިނާ އިއްޔެ ވަނީ ވިއެޓްނާމް އަތުން 3-2 ލަނޑުން މޮޅުވެފައެވެ. ކޮލިފައިންގެ އެންމެ ފަހުން ކުޅުނު ދެމެޗުން ބަލިވި ޖަޕާން އޮތީ ގުރޫޕުގެ ތިންވަނައިގަ ތިން ޕޮއިންޓާއެކުއެވެ.

މި ގުރޫޕްގައި ހިމެނޭ އޮސްޓްރޭލިޔާއިން ވަނީ އޮމާން އަތުން 3-1 ލަނޑުން މޮޅުވެ ސައުދީއާ އެއްވަރަށް ޕޮއިންޓް ހޯދައިންގެން ލަނޑުގެ ތަފާތުން އޮތީ ގުރޫޕުގެ އެއްވަނައިގައެވެ. އޮސްޓްރޭލިޔާއިން ދެން ސައިޓާމާގައި ނުކުންނާނީ ޖަޕާނާ ދެކޮޅަށެވެ.