ރާއްޖޭގެ ވެކްސިން ޕްރޮގްރާމްގައި ހިމެނޭ 3 ވެކްސިނެއް ފުރިހަމަކުރާ ފަރާތްތަކަށް އިނގިރޭސިވިލާތުން ލުއިތަކެއް ދިނުމަށް ނިންމައިފިއެވެ.
އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން ބުނީ ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމް "ދިފާޢު"ގައި ދެމުން އަންނަ ސިންގަޕޫރުގެ އެސްޓްރާޒެނެކާ ވެކްސިންއާއި އިންޑިއާގެ ކޮވިޝީލްޑް ވެކްސިންގެ އިތުރުން ޖަރުމަނުގެ ފައިޒާވެކްސިން ބަލައިގަތުމަށް ނިންމާފައިވާކަމަށެވެ. މިއުސޫލަށް ޢަމަލުކުރަން ފަށާނީ މިމަހުގެ 11 ވާ ހޯމަ ދުވަހުގެ ފަތިހު 4:00 އިން ފެށިގެންކަމަށް އިނގިރޭސިވިލާތުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރައްވައެވެ.
މިއުސޫލަށް ޢަމަލުކުރަން ފެށުމުން ރާއްޖޭގައި މިވެކްސިންތައް ފުރިހަމަކޮށްފައިވާ މީހުން އިނގިރޭސިވިލާތަށް ދަތުރުކުރުމުގައި އެއްވެސް ދަތިކަމެއް ކުރިމައްޗެއްނުވާނެއެވެ. އަދި ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވާ މީހުން އިނގިރޭސިވިލާތަށް ގޮސް ކަރަންޓީންވާކަށް ނުޖެހެއެވެ.
އިނގިރޭސިވިލާތުގެ މިނިންމުމާއެކު ރާއްޖޭގެ ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދުވަނީ އެޤައުމުގެ ނިންމުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިއީ ކޯވިޑުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ގެންގުޅުއްވާ ސިޔާސަތުތަކާއި ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ނަތީޖާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޯވިޑްއިން ރައްކާތެރިވުމަށް އިނގިރޭސިވިލާތުން އަޅާފައިވާ ފިޔަވަޅުތައް މުރާޖަޢާކުރަމުންދާއިރު ޤައުމުތަކުން ކޯވިޑް ކޮންޓްރޯލްކުރަމުންދާ ގޮތަށް ބެލުމަށްފަހު އެޤައުމުގެ ރެޑް ލިސްޓުން އަންނަނީ ޤައުމުތައް އުނިކުރަމުންނެވެ. އެގޮތުން މިލިސްޓުން ރާއްޖެ އުނިކޮށްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގައެވެ. އަދި މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން އިނގިރޭސިވިލާތުން ވަނީ ރެޑް ލިސްޓުން އުނިކޮށްފައިވާ ޤައުމުތަކުން ދަތުރުކުރުމުގައި ޕީސީއާރު ހަދަން ނުޖެހޭގޮތަށް ކަނޑައަޅާފައެވެ.
އިނގިރޭސިވިލާތަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެކެވެ. މިއަހަރުގެ މެއިމަހުގެ ނިޔަލަށް އެޤައުމަކީ ރާއްޖެއަށް 8 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ. ކޯވިޑްގެ ކުރިން އިނގިރޭސިވިލާތަކީ ރާއްޖެއަށް 5 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.