ޚަބަރު

ޔޫއޭއީގެ ނެޓްޒީރޯ ސްޓްރެޓީޖިކް އިނީޝިއޭޓިވްއަށް ރައީސް ޞާލިހު މަރުހަބާ ވިދާޅުވެއްޖެ


2050 ވަނަ އަހަރުގެ ނިޔަލަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ކާބަން އެމިޝަންސް، ނެޓް ޒީރޯއަށް ހެދުމަށް އެޤައުމުން އަމާޒު ހިފާފައިވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެކަމަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ޔޫއޭއީގެ ނެޓް ޒީރޯ 2050 ސްޓެޓީޖިކް އިނީޝިއޭޓިވް އިއްޔެ އެޤައުމުން އިއުލާންކުރުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި ޓުވީޓެއްގައި ވަނީ އެނިންމުމާއި ގުޅިގެން އަބޫދާބީގެ ވަލީއަހުދު މުހައްމަދު ބިން ޒައިދުއަށް ޝުކުރު ދަންނަވާފައެވެ.

ރައީސް ވިދާޅުވީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއަށް ވާސިލުވުމުގައި ޔޫއޭއީއާ އެހެން ޤައުމުތަކާއި ގުޅިގެން ފެށި މަސައްކަތަށް ރާއްޖެއިން މަރުހަބާ ކިޔާކަމަށެވެ.

ދިވެހިރާއްޖެއިން ނެޓްޒީރޯއަށް ވާސިލްވުމަށް މަސައްކަތްކުރާކަން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އިއުލާންކުރައްވާފައިވަނީ 2020 ޑިސެމްބަރު 22 ވަނަ ދުވަހު އދ އިން އިންތިޒާމްކޮށްގެން ބޭއްވި ކްލައިމެޓް އެމްބިޝަން ސަމިޓްގައި ދެއްވި ތަޤުރީރުގައެވެ.

ނެޓް ޒީރޯ އެމިޝަން ގައުމަކަށްވުމަށްޓަކާއި އިޖްތިމާއީ ގޮތުންނާއި އިގްތިޞާދީ ގޮތުން އަދި ތިމާވެށީގެ ގޮތުން ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭއިރު, އެންމެ ބޮޑު ބަދަލެއް ގެންނަންޖެހޭނީ ހަކަތައިގެ ދާއިރާއަށްކަން ރާއްޖެއިންވަނީ ހާމަކޮށްފައެވެ.

ޚާއްސަކޮށް ރާއްޖޭގައި ކަރަންޓް އުފެއްދުމަށް ތެލަށް ބަރޯސާވާ މިންވަރު ވީހާވެސް ކުޑަކޮށް، އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއަރުވާ، ހަކަތައިގެ ސިނާއަތަކީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ ސިނާއަތަކަށް ހަދަން ޖެހޭއިރު، ސަރުކާރުން ވަނީ ވިހަގޭސް މަދުކުރުމުގެ ލަނޑުދަނޑި ނުވަތަ ނޭޝަނަލް އެމިޝަން ރިޑަކްޝަން ޓާގެޓްގެ މިންވަރު 2030ގެ ނިޔަލަށް 26 އިންސައްތައަށް އިތުރު ކުރުމަށް ނިންމާފައެވެ.

މީގެ އިތުރުން އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކު ރާއްޖޭގައި ބޭނުންކުރުން 2023 ވަނަ އަހަރުގެ ނިޔަލަށް ހުއްޓާލާނެކަން ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ތިމާވެއްޓާއި ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމަށް 2030 ވަނަ އަހަރާ ހަމަޔަށް އެންމެ ކުޑަވެގެން ކަނޑާއި، ކަނޑާ ގުޅިފައިވާ ސަރަހައްދުތަކުގެ 20 ޕަސެންޓް ހިމާޔަތްކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.