ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ 12 ފަރާތަކަށް ސަރުކާރުގެ ވަޒީފާ


ނުކުޅެދުންތެރިކަން ހުންނަ ބާރަ
ފަރާތަކަށް އާސަންދަ ކުންފުނިން ހަމަޖެހިފައިވާ ވަޒީފާގެ ލިއުން ޙަވާލުކުރައްވައިފިއެވެ.




މިއަދު މުލިއާގޭގައި އޮތް
ރަސްމިއްޔާތެއްގައި މި ފަރާތްތަކަށް ވަޒީފާގެ ލިއުން ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފާތިމަތު
އިބްރާހިމްއެވެ. މިއީ، ދި ޞަދަގާތު ފައުންޑޭޝަނާއި އާސަންދައާއި އެންސްޕާ ގުޅިގެން
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެއްވާފައިވާ ވަޒީފާގެ ފުރުޞަތުތަކެކެވެ.



ނުކުޅެދުންތެރިކަން ހުންނަ
ފަރާތްތަކަށް ވަޒީފާއަށް ހުޅުވާލި ފުރުޞަތުގައި 21 ފަރާތަކުން ކުރިމަތިލާފައިވެއެވެ.
އޭގެ ތެރެއިން ސާދަ ކުއްޖަކާ އިންޓަވިއުކޮށް ބާރަ ކުއްޖަކަށް ވަޒީފާ ދެއްވާފައިވެއެވެ.
މި ބާރަ ފަރާތުގެ ތެރެއިން އެކަކީ ލޯފަން މީހެކެވެ. އެންސްޕާއިން ވަނީ އެފަރާތަށްވެސް
އާސަންދަ ކުންފުނިން ބާއްވާ ރަސްމިއްޔާތުތަކުގައި ޤުރުއާން ކިޔެވުމުގެ ފުރުޞަތު
ދެއްވާފައެވެ.



މި ފަރާތްތަކަށް ވަޒީފާ ދެއްވާފައިވަނީ،
ޚާއްސަ އިންޓަވިއު ޕެނަލެއް އެކުލަވާލާ އިންޓަވިއު ކުރެއްވުމަށްފަހުއެވެ. ވަޒީފާ
ދިނުމުގައި ބައްލަވާފައި ވަނީ ނުކުޅެދުންތެރިކަން ހުރުމާއި އެކުވެސް ހުނަރު
ހުރުމާއި، ކޮމްޕިއުޓަރ މަސައްކަތް ކުރުމުގެ ޤާބިލް ހުންނަ ފަރާތްތަކަށެވެ.



ވަޒީފާ ލިބުނު ބާރަ ފަރާތާއި
ވަޒީފާގެ ލިޔުން ހަވާލުކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ
އަނބިކަބަލުން ފާޠިމަތު އިބްރާހިމް ވިދާޅުވީ، މިއީ ނުކުޅެދުންތެރިކަން ހުންނަ
ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމަށް މުހިންމު މަސައްކަތްތަކެއް ފެށިގެން
ދިޔަ ދުވަހެއް ކަމަށާއި،  އެފަރާތްތަކުގެ
ހައްގުތައް ރައްކާކުރުމަށް ކުރާ މަސައްކަތަށް ލިބިގެންދިޔަ ކާމިޔާބީއެއްކަމަށެވެ.
އެކަމަނާ ވިދާޅުވީ، ދި ޞަދަޤާތު ފައުންޑޭޝަނުން އިސްނަގައިގެން ނުކުޅެދުންތެރިކަން
ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު، އެންސްޕާ އަދި އާސަންދަ ކުންފުނިން
ލިބިގެން ދިޔަނަމަވެސް، ކުރިއަށް އޮތްތަނުގައި ސަރުކާރުގެ އެހެނިހެން
ކުންފުނިތަކުންވެސް އެފަދަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯދާދިނުމަށް މަޝްވަރާތައް
ކުރިއަށްދާކަމަށެވެ.
މި ފަރާތްތަކަށް ވަޒީފާ ދެއްވި އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލް
ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގައި ހަވާލުކުރެވޭނެ
މަސައްކަތަކީ އެފަދަ ފަރާތްތަކަށް ކުރެވޭނެފަދަ މަސައްކަތްތަކެއްކަމަށެވެ.  



އޭގެތެރޭގައި ހިމެނެނީ ކޮމްޕިއުޓަރުން
ކުރާ މަސައްކަތްތަކާއި، ބިލް އެންޓަރ ކުރުންފަދަ މަސައްކަތްތައް ކަމަށް ވިދާޅުވިއެވެ.




އެފަރާތްތަކަށް ވަޒީފާ
އަދާކުރެވޭނެ މާހައުލެއް އޮފީސް ތެރޭގައި ޤާއިމްކުރައްވާފައިވާ ކަމަށްވެސް
މުޖުތަބާ ވިދާޅުވިއެވެ. އޭގެތެރޭގައި އޮފީހުގައި އިމާރާތަށް އަރާ ފޭބޭނެ ފަސޭހަ
އިންތިޒާމް ހަމަޖެއްސުމާއި އޮފީހުގެ އެރޭންޖުމަންތަކަށް ބަދަލުތަކެއް ގެންނަވާފައިވާކަން
މުޖުތަބާ ފާހަގަކުރެއްވިއެވެ.

ނުކުޅެދުންތެރިކަން ހުރުމާއި އެކު ވަޒީފާގެ ފުރުޞަތު ލިބިގެން ދިއުމަކީ އަބަދުވެސް
އުއްމީދު ކުރަމުން އައިކަމެއްކަމަށް އެފަރާތްތަކުން ފާހަގަކުރެއެވެ. އޯލެވެލް
ނިންމާލުމާއި އެކު ވަޒީފާ ލިބުމުން އުފާކުރާކަމަށް ބައެއް ކުދިން ބުންޏެވެ.
އެފަރާތްތަކުގެ ބެލެނިވެރިން ވިދާޅުވީ، މީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް
ކުރިއަށް ދިއުމަށް ލިބުނު ފުރުޞަތެއް ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ އިތުރު ފުރުޞަތުތައް
ހުޅުވާލާނޭކަމަށްވެސް އާސަންދަ ކުންފުނިން މަޢުލޫމާތުދެއެވެ.