ދުނިޔެ

ޔަމަނުގެ 21 މިލިއަން މީހުން އިންސާނީ އެހީއަށް ބޭނުންވެފައި!


މިއަހަރުގެ ކުރީކޮޅު ޔަމަނުގައި ދާޚިލީ ހަނގުރާމައެއް ފެށީ ޔަމަނުގެ ވެރިރަށް ސަންޢާއާ ޔަމަނުގެ ބޮޑެތި ރަށްތައް އިދިކޮޅު ހޫޠީ ޖަމާޢަތުން ހިފުމާ ގުޅިގެންނެވެ. ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ ޔަމަނުގެ ސަރުކާރު ވަނީ ވެރިރަށް ސަންޢާއިން ފައްސާލާފައެވެ. ރައީސް އަބްދުއް ރައްބޫ މަންސޫރު ހާދީގެ ސަރުކާރުން މިހާރު ވެރިކަން ކުރަމުންދަނީ ޔަމަނުގެ ދެކުނުގެ ރަށެއް ކަމަށްވާ އަދަންގައެެވެ.  ހާދީގެ ސަރުކާރަށް ވާގިދޭ އަސްކަރީ ފައުޖުތަކާ ހޫޠީންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތައް ހިނގަމުންދާ އިރު، ސައުދީ ޢަރަބިއްޔާއިން އިސްނަގައިގެން އެކުލަވާލާފައިވާ އަސްކަރީ އިއްތިހާދުން ދަނީ ހޫޠީންގެ އަމާޒުތަކަށް ވައިގެ އަސްކަރީ ހަމަލާތައް ދެމުންނެވެ.މީގެ 9 މަސް ދުވަސްކުރިން ޔަމަނުގައި ފެށި ދާޚިލީ ހަނގުރާމައިގެ ސަބަބުން އެގައުމުގެ އިންސާނީ އެހީއަށް ބޭނުންވެފައި ތިބި މީހުންގެ ޢަދަދު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. މި ގޮތުން، ޔަމަނުގެ އާބާދީގެ %80 އަކީ އިންސާނީ އެހީއަށް ބޭނުންވާ ފަރާތްތައް ކަމަށް ޔަމަނުގައި ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ އެހީދޭ ފަރާތްތަކުން ވަނީ ބުނެފައެވެ. މިއީ 21 މިލިއަން މީހުން ކަމަށް ރިޕޯޓްތައް ބުނެއެވެ. ޔަމަނުގައި ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ ރެޑް ކްރޮސް ޖަމާޢަތުގެ ފަރާތުން ވާހަކަ ދެއްކެވި އެޖަމާޢަތުގެ ތަރުޖަމާނު ރިމާ ކަމާލް ވިދާޅުވީ، ޔަމަނުގައި ދުވާލެއްގެ މައްޗަށް 25 މީހުން މަރުވެ، 125 އަށް ވުރެ ގިނަ މީހުން ޒަޚަމްވަމުންދާ ކަމަށެވެ. އަދި ފާއިތުވި 8 މަސް ދުވަހު މިކަން މި ގޮތަށް ހިނގަމުންދާ ކަމަށް ވެސް ރިމާ ވިދާޅުވިއެވެ.އދގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވަނީ ހަނގުރާމައިގައި މިހާތަނަށް 5878 މީހުން މަރުވެ، 27876 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އަދި މީގެ ތެރޭގައި 637 ކުޑަކުދިން ހިމެނޭ ކަމަށް ވެސް އދން ވަނީ ބުނެފައެވެ. މިކަމުގެ ސަބަބުން، ޔަމަނުގެ ސިއްހީ ދާއިރާ ވަނީ މުޅިހެން އިނދަ ޖެހިފައެވެ. ހަނގުރާމައިގެ ސަބަބުން ޔަމަނުގެ ގިނަ ހޮސްޕިޓަލްތަކެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ އިރު، މިހާރު ހިންގަމުންދާ ހޮސްޕިޓަލްތަކަށް ވެސް ވަނީ ގިނަ ހުރަސްތަކެއް ކުރިމަތިވެފައެވެ. މި ގޮތުން ފަރުވާ ދޭން ޖެހޭ މީހުން އިތުރުވެ، ބޭނުންވާ ވަސީލަތްތައް ނެތުމާ، ވަޔާ، ކަނޑުމަގުން އަދި އެއްގަމު މަގުން ވެސް ޔަމަނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޔަމަނަށް ތެޔޮ ލިބުން ދަތިވެ ޔަމަނުގެ ހޮސްޕިޓަލްތަކަށް ވަނީ އިތުރު މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ.ޔަމަނުގައި މިހާރު އިންސާނީ ކާރިޘާއެއް އިއުލާނުކުރަން ޖެހިފައިވާ އިރު، އދން ވަނީ ސައުދީ ޢަރަބިއްޔާއިން އިސްނަގައިގެން އެކުލަވާލާފައިވާ އިއްތިހާދުން ޔަމަނަށް ކުރިމަތިވެފައިވާ އިންސާނީ ހާލަތުގެ މައްސަލައަށް އެކަށީގެންވާ އެހީ ހޯދަން ޖެހޭ ކަމަށް ބުނެފައެވެ.