ކުޅިވަރު

މިރޭގެ މެޗުގައި ރެފްރީ ހުރީ ރާއްޖެ ޓީމަށް: އޮސްކާ


ސާފް ޗެމްޕިއަންޝިޕުގައި ދިވެހިރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގައި ރެފުރީ ހުރީ ވަރަށް ބޮޑަށް ދިވެހިރާއްޖެ ކޮޅަށް ކަމަށް ބަންގްލަދޭޝްގެ ކޯޗު އޮސްކާ ބްރޫޒޮން ތުޙުމަތުކޮށްފިއެވެ. މިމޭރުމުން އޮސްކާވަނީ އެ މެޗުގެ ރެފްރީ އިރާޤުގެ ހަސަން ޔޫސެފްއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ބަންގްލަދޭޝްއާއި ވާދަކޮށް ދިވެހިރާއްޖެވަނީ 2-0ކުން މޮޅުވެފައެވެ.

މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން އޮސްކާ ބުނީ މެޗުގައި ވަރަށް ބޮޑަށް ރެފުރީ ދިވެހި ކުޅުންތެރިންނަށް އެހީވާން އުޅުނުކަމަށް އޭނާއަށް ޤަބޫލުކުރެވޭ ކަމަށެވެ. އެހެންނަމަވެސް ދިވެހި ޓީމު ކުޅުނީ ވަރަށް މޮޅަށްކަމަށާއި ރެފުރީގެ ފަރާތުން އެހާ ބޮޑެތި އެހީތަކެއް ނުލިބުނު ނަމަވެސް ރާއްޖެއަށް މޮޅުވެވުނީސްކަމަށް އޭނާ ބުންޏެވެ.


އެންމެ ފުތަރަމަ މިނެޓުން ފެށިގެންވެސް ކަންތައް ވަމުންއައީ އެހެން ކަމަށް ހާމަކުރަމުން އޮސްކާ ބުނީ ބަންގްލަދޭޝް ޓީމަށް 5 ކާޑު ދެއްކި ކަމަށާއި އޭނާ އުއްމީދުކުރާ ގޮތަށް ކަންތައް ވާނެނަމަ މި މެޗުގެ ރެފުރީ މުޅި މުބާރާތުންވެސް ބޭރުކުރާނެކަމަށެވެ. މިފަދަ ރެފުރީންނާއެކު މިފަދަ ބޮޑެތި މުބާރާތްތައް ނުކުޅެވޭނެކަމަށްވެސް އޮސްކާ ބުންޏެވެ.

ބަންގްލަދޭޝްއިން ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ވަނީ 30 ފައުލްކޮށްފައެވެ.

މިފަދަ ގޮތަކަށް ތުޙުމަތުތަކެއް ކުރިނަމަވެސް، އެކަން އެއީ ބަންގްލަދޭޝަށް މޮޅު ނުވެވުނު ސަބަބެއްކަމަށް ޤަބޫލުނުކުރާކަމަށް އޭނާ ބުންޏެޔެ. އޮސްކާ ބުނީ ރާއްޖެ އޮތީ 4 ދުވަހުގެ އަރާމުކުރުމަކަށްފަހު ރަނގަޅު ފޯމެއްގައި ފިޓުކޮށްކަމަށާއި ބަންގްލަދޭޝްއަށް މޮޅު ނުވެވުނީ ރާއްޖެ ޓީމާ އެއްވަރަށް ނުކުޅެވުނީމާ ކަމަށެވެ. އޭގެ ސަބަބެއްކަމަށް އޭނާ ބުނީ 7 ދުވަސް ތެރޭ 3 މެޗު ކުޅެން ޖެހުންކަމަށެވެ.

ދިވެހިރާއްޖެއަށް ލީޑު ލިބުމުން ޓީމުގެ ފޯމޭޝަން ބަދަލުކޮށްގެން އެޓޭކިން ގޭމެއް ކުޅެވޭތޯ މަސައްކަތްކުރި ކަމަށާއި އެހެންނަމަވެސް މެޗުގެ ކޮންޓްރޯލް ނުނެގިގެން އަތުން ނެއްޓިގެން ދިޔައީކަމަށް އޮސްކާ ބުންޏެވެ. ލީޑު ނެގި ހިސާބުން ދެން އަމަލުކުރަންވީ ވަކި ގޮތެއްވެސް ވިސްނައިނުގަނެވުނުކަމަށް އޮސްކާ ބުންޏެވެ. ފަހު ވަގުތުގައި ރާއްޖެ ކުޅެމުން އައީ ވަރަށް ހަމަޖެހިލައިގެންކަން އޮސްކާ ފާހަގަކުރިއެވެ. އެކަމުގެ ސަބަބުން އިތުރު އުނދަގޫތަކެއް ކުރިމަތިވެގެންދިޔަކަމަށްވެސް އޭނާ ބުންޏެވެ.

އިތުރަށް އޮސްކާ ބުނީ ބަންގްލަދޭޝްގެ ކުޅުންތެރިން މިރޭގެ މެޗުގައި ތިބީ ވަރުބަލިވެފައި ކަމަށާއި އެކަމުގެ އަސަރު މެޗު ތެރެއިންވެސް ފެނިގެން ދިޔަކަމަށެވެ.