ކުޅިވަރު

ގޯލް ޖަހަނީ ކާކުތޯއެއް ނޫން މުހިއްމީ، މޮޅުވަންޏާ އެ ނިމުނީ: ދަގަނޑޭ


މެޗު ކުޅޭއިރު މުހިއްމީ ލަނޑު ޖަހަނީ ކާކުތޯ ނޫންކަމަށާއި މެޗުން މޮޅުވުމަކީ މައިގަނޑު ބޭނުންކަމަށް ޤައުމީ ޓީމުގެ ކުޅުންތެރިޔާ އަލީ އަޝްފާޤު (ދަގަނޑޭ) ބުނެފިއެވެ.

ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝްއާ ވާދަކުރި މެޗުން ދިވެހިރާއްޖެ މޮޅުވީ 2-0ކުންނެވެ. މިރޭގެ ފުރަތަމަ ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އޯވާހެޑް ކިކަކުންނެވެ. ދެވަނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުން ދަގަނޑޭއެވެ. މި ލަނޑަކީ މުބާރާތުގެ ތާރީޚުގައި ދަގަނޑޭ ޖެހި 21ވަނަ ލަނޑެވެ.

މެޗަށްފަހު ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން ދަގަނޑޭ ބުނީ ގޯލު ޖަހަނީ ކާކުކަން މުހިއްމު ނޫންކަމަށާއި މުހިއްމީ މެޗުން މޮޅުވުންކަމަށެވެ. އޭނާ ބުނީ ޓީމު މެޗުން މޮޅުވަންޏާ އެނިމުނީ ކަމަށެވެ. ލަނޑު ޖެހުމުން ކުރެވޭ އިޙްސާސަކީ ކޮބައިތޯއާއި ދަގަނޑޭ ކުޅުން ހުއްޓާލާނީ ކޮންއިރަކުތޯ ބޭރުގެ ނޫސްވެރިޔަކު ސުވާލު ކުރުމުން ދަގަނޑޭ ބުނީ ލަނޑުޖެހީ އަމިއްލައަށްތޯ ނުވިސްނާ ކަމަށާއި ކުޅެނީ ޓީމު މޮޅުކޮށްދޭން ކަމަށެވެ. އަދި ކުޅުން ހުއްޓާނެ ވަކި ތާރީޚެއް ބުނަން ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

ޤައުމީ ދުވަހު މިފަދަ ކާމިޔާބެއް ހޯދައިދެވުމުން ﷲއަށް ޙަމްދުކުރާ ކަމަށާއި މިއީ ޤައުމީ ދުވަހު ދިވެހި ރައްޔިތުންނަށް ދިން ހަދިޔާއެއްކަމަށް ދަގަނޑޭ ބުންޏެވެ.

މުބާރާތުގަައި އަންނަ އާދިއްތަ ދުވަހު ހަވީރު ރާއްޖޭން ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. މިރޭގެ މެޗުން ލިބުނު މޮޅާއެކު ރާއްޖެއިން ވަނީ 3ވަނައަށް ޖެހިލާފައެވެ. އެއް ވަނައިގައި އޮތީ 6 ޕޮއިންޓާއެކު ނޭޕާލްއެވެ. ފައިނަލަށް ދާނީ ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.