ޚަބަރު

މިއަހަރުގެ ނިޔަލަށް އިތުރު 60 އެމްބިއުލާންސް ޚިދުމަތަށް ނެރެވޭނެ


މިއަހަރުގެ ނިޔަލަށް އިތުރު 60 އެމްބިއުލަންސްޚިދުމަތަށް ނެރެވޭނެކަމަށް ސަރުކާރުން އަންދާޒާކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރަށްރަށަށް ބޭނުންވާ އެމްބިއުލާންސްތަކުގެ ތެރެއިން 20 އެމްބިއުލާންސްއެއް މިއަދު ގެނެސްފައިވާކަމަށެވެ. އަދި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިތުރު 20 އެމްބިއުލާންސް ގެންނާނެކަމަށާއި އޭގެ ފަހުންވެސް 20 އެމްބިއުލާންސް ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އެހެންކަމުން މިއަހަރުގެ ނިޔަލަށް އިތުރު 60 އެމްބިއުލާންސް ޚިދުމަތަށް ނެރެވޭނެކަމަށް އަންދާޒާކުރައްވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

އިތުރު އެމްބިއުލާންސްތަކެއް މިއަދު ރާއްޖެ ގެނެސްފައިވާއިރު، މިދިޔަ ޖޫންމަހު ސަރުކާރުން ވަނީ އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށް އެސްޓީއޯއާ ހަވާލުކޮށްފައެވެ.

ހެލްތް މިނިސްޓަރ އަހްމަދު ނަޞީމް ވިދާޅުވީ އަލަށް ގެންނަ އެމްބިއުލާންސްތަކުގެ ސަބަބުން ޚިދުމަތް އިތުރަށް ފުޅާވެ، އަތޮޅުތެރޭގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ޙައްލު ލިބިގެންދާނެ ކަމަށެވެ. އަދި އެމްބިއުލާންސްގެ ޚިދުމަތަކީ ކޮންމެ ރަށަކަށްވެސް މުހިންމު ޚިދުމަތެއްކަން ފާހަގަކުރައްވައި، ބައެއް ރަށްތަކުގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ގިނަ ދަތިތައް ކުރިމަތިވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެމްބިއުލާންސްތައް ގެނެވި، އަތޮޅުތެރޭގައި ޚިދުމަތް ދޭން ފެށުމުން، ކާރިސާގެ ވަގުތުތަކުގައިއާއި، އެކްސިޑެންޓްތަކުގައި އަނިޔާވާ މީހުންނަށް ފޯރުކޮށްދޭންޖެހޭ ޞިއްޙީ ކުއްލި ފަރުވާ ފަސޭހަކަމާއެކު ފޯރުކޮށްދެވިގެންދާނެކަމަށްވެސް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ ސިއްޙީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ޙާއްސަކޮށް އަތޮޅުތެރޭގައި ދެމުން އަންނަ ސީއްހީ ޚިދުމަތްތައް އަންނަނީ ފުޅާވަމުންނެވެ. ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ދަށުން މިދިޔަ ހަފްތާގައި ޖަޕާނު ސަރުކާރުން ވަނީ ޒަމާނީ ސީ އެމްބިއުލާންސް ހޯދުމަށް 3.6 މިލިއަން ޑޮލަރުގެ އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.