ކުޅިވަރު

ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދޭނެކަމުގެ ޔަގީންކަން އެބައޮތް - ސުޒޭން


އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވިކަމަށް ވީނަމަވެސް، ދެވަނަ މެޗްގައި ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދޭނެކަމަށް ގައުމީ ކޯޗް ޢަލީ ސުޒޭން ބުނެފިއެވެ. އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ރާއްޖެ ކުޅުނު ފުރަތަމެ މެޗުންވަނީ ނޭޕާލާއި ވާދަކޮށް ބަލިވެފައެވެ. މިއީ ނޭޕާލަށް ރާއްޖޭގެ ސީނިއަރ ޓީމުގެ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރުއެވެ. މިމެޗަށް ނިކުންނައިރު ބަންގްލަދޭޝް ދެ މެޗް ކުޅެފައިވާއިރު، އެޓީމު ވަނީ އެއް މެޗުން މޮޅުވެ، އެއް މެޗް އެއްވަރުކޮށްފައެވެ. ރާއްޖެއަށް މިހާތަނަށް ޕޮއިންޓެއް ލިބިފައިނުވާއިރު، ބަންގްލަދޭޝަށް ވަނީ 4 ޕޮއިންޓް ލިބިފައެވެ.

މިމެޗްގައި ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ގައުމީ ކޯޗް ސުޒޭން ބުނީ ނޭޕާލް މެޗްގައި ދިމާވި ވަރަށް ގިނަ ކަންކަން މިހާރު ރަނގަޅުކޮށްފައިވާކަމަށާއި މިމެޗަށް ގައުމީ ޓީމް ނިކުންނާނީ ވަރަށް ބޮޑަށް ތައްޔާރުވެގެންކަމަށެވެ. ނޭޕާލް މެޗްގައި ރާއްޖެއަށް ގިނަ ފުރުސަތުތަކެއް ލިބިވަނީ ބޭކާރުވެފައެވެ. ސުޒޭން ބުނީ ނޭޕާލް މެޗުގައި ދެއްކި ކުޅުމާމެދު ހިންހަމަޖެހޭކަމަށާއި ހަމައެކަނި މަދުވީ ގޯލެއްކަމަށް ސުޒޭން ބުންނެވެ. ބަންގްލަދޭޝް އަކީ ވަރުގަދަ ޓީމެއްކަމަށާއި މި މުބާރާތުގައި އެ ޓީމު އޮތީ ވަރަށް ރަނގަޅު ފޯމެއްގައިކަމަށްވާއިރު މިމެޗަށް ރާއްޖެއިން ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފަކަމަށް ވެސް ގައުމީ ކޯޗް ސުޒޭން ބުންޏެވެ. މެޗަށް ނިކުތުމުގެ ކުރިން ސުޒޭން ބުނީ ފުރަތަމަ މެޗުން ނޭޕާލް އަތުން ބަލިވިނަމަވެސް، އެމެޗްގެ ފުރަތަމަ 11އަށް މާ ބޮޑު ބަދަލްތަކެއް ގެންގަން ނުވިސްނާކަމަށާއި އެމެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ހިންހަމަޖެހޭކަމަށެވެ.

"ޕްރެޝަރަކޭ މި ބުނަނީ އަޅުގަނޑުމެން އެއް މެޗު ކުޅެފައި، ދެން ދެ މެޗު ކުޅުނު ދެ ޓީމެއް މި އޮތީ ތާވަލްގައި އަޅުގަނޑުމެންނަށްވުރެ ކުރީގައި. ނޭޕާލްގެ ވަރަށް ކޮމްފަޓަބަލްކޮށް ދެ މެޗުން ހަ ޕޮއިންޓް ނަގައިގެން އެ އޮތީ. އަނެއްކާ ބަންގްލަދޭޝް ވަނީ ވަރުގަދަ އިންޑިއާއެކު ދިހަ މީހުންނާއެކު އެއްވަރުވެފަ. އެ ނަމްބާސް މި އޮތީ ފެންނަން. ފުރަތަމަ މެޗުގައި އަޅުގަނޑުމެންގެ 12 ވަނަ ކުޅުންތެރިޔާގެ ޒިންމާ އަދާކުރި. މާދަމާ ރޭ ވެސް އެކަމާ (12 ކުޅުންތެރިޔާ ޒިންމާ އަދާކުރާނެކަމާ މެދު) ޝައްކެއް ވެސް ނެތް،" ސުޒޭން ބުންޏެވެ.

ގަލޮޅު ދަނޑުގައި އެންމެ ފަހުން ބަންގްލަދޭޝްއާ އެކު ރާއްޖޭން ކުޅުނީ 2016 ވަނަ އަހަރު އެކުވެރިކަމުގެ މެޗެކެވެ. އެ މެޗުން ރާއްޖެ ވަނީ 5-0 އިން މޮޅުވެފައެވެ.