ޚަބަރު

ހައިކޯޓު ދެކުނު ގޮފީގެ އިސްފަނޑިޔާރަކަށް އަބްދުލްޣަނީ މުޙައްމަދު


ދިވެހިރާއްޖޭގެ ހައިކޯޓުގެ
ދެކުނު ގޮފީގެ އިސްފަނޑިޔާރަކަށް ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު އައްޔަން
ކުރައްވައި، ދެކުނު ގޮފީގެ ޝަރީޢަތްތައް ބުދަ ދުވަހުން ފެށިގެން ފަށަންޖެހޭގޮތަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކަނޑައަޅުއްވައިފިއެވެ.



ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ނެރުއްވައިފައިވާ ޤަރާރެއްގައި ބުނެފައިވަނީ އެކޯޓު ހައިކޯޓުގެ
ދެކުނު ގޮފި ހިންގުމަށް އިދާރީ ގޮތުން ކުރަންޖެހޭ ހިންތިޒާމުތައް މިހާރު
ހަމަޖެހިފައިވާކަމަށެވެ. އެހެންކަމުން ޑިސެމްބަރ 16 ވާ ބުދަ ދުވަހުން ފެށިގެން ހައިކޯޓު
ދެކުނު ގޮފީގައި ޤަވާއިދުން ޝަރީޢަތްތައް ބާއްވަމުން ދިއުމަށް
ކަނޑައަޅުއްވާކަމަށެވެ. 

ކޯޓުތަކާ ބެހޭ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެންނެވި
އިސްލާޙާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ދެކުނު
ގޮތްޕަށް އައްޔަން ކުރައްވާ 3 ފަނޑިޔާރުން ކަނޑައަޅުއްވާފައެވެ. 

ހައިކޯޓުގެ ދެކުނު
ގޮތްޕައް އައްޔަން ކުރައްވާފައިވަނީ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދާއި،
ފަނޑިޔާރު ޝުޢައިބު ހުސެއިން ޒަކަރިއްޔާއާއި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުއެވެ. 

ކޯޓުތަކާ ބެހޭ ޤާނޫނަށް ގެންނެވި އިސްލާޙުގައި ވާގޮތުން ރާއްޖޭގެ ދެ
ސަރަހައްދެއްގައި ހައިކޯޓުގެ ގޮފިތައް ޤާއިމު ކުރަންޖެހެއެވެ. އެގޮތުން ދެ
ސަރަޙައްދުގައި ޤާއިމު ކުރެވޭ ގޮފިތައް ޤާއިމު ކުރެވެނީ އެ ގޮތްޕެއް ހިމެނޭ
ސަރަޙައްދުގައި ހުރި މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފް
ކުރުމަށެވެ. 

ހައިކޯޓަށް ޤާނޫނުން ލިބިގެންވާ ޚާއްސަ އިޙްތިޞާސްތައް އެކޯޓުގެ
ގޮފިތަކަށް ލިބިގެން ނުވާކަމަށް ޤާނޫނުގައި ވަނީ ކަނޑައަޅުއްވާފައެވެ.