ޚަބަރު

ވީ.އައި.އޭގައި ހިނގި އެކްސިޑެންޓެއްގައި 3 މީހަކު ޒަޙަމްވެއްޖެ


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލްނުވެގެންގޮސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި ޙާދިސާއާ ގުޅޭގޮތުން ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓުގައި 3 މީހަކަށް އެކިވަރުގެ އަނިޔާ ވެފައިވާކަމަށާއި، އަނިޔާވެފައިވަނީ 3 ފިރިހެނުންނަށްކަމަށެވެ. އަދި އެ 3 މީހުންނަށް ވީ.އައި.އޭގައި ހުންނަ މެޑިކަލް ޕޮއިންޓުގައި ފަރުވާދެމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް އެމީހުންނަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއްކަމެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

މިއެކްސިޑެންޓްގައި ކާރު ކޮންޓްރޯލުން ނެއްޓި، ވޯކްވޭ ފެންސުގައި ޖެހި ފެންސް ފަޅާފައިގޮސް ވޯކްވޭ މައްޗަށް ވަނީ އަރާފައެވެ. މި ޙާދިސާގައި ކާރުގެ ކުރީބަޔަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މި ޙާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 15:28 ހާއިރުކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން އަންނަނީ މި ޙާދިސާ އިތުރަށް ތަހުގީގްކުރަމުންނެވެ.