ޚަބަރު

އާއްމު މަޖިލީހުގެ ރައީސް، ދަޢުލަތުގެ އިސް ބައެއް ބޭފުޅުންނާ ބައްދަލުކުރައްވައިފި


އދ.ގެ ޢާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ދަޢުލަތުގެ އިސް ބައެއް ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް އދ. ގެ އާންމު މަޖިލީހުގެ ރައީސް، އަބްދުﷲ ޝާހިދު ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު މިއަދުވަނީ ރައީސުލްޖުމްރީއްޔާގެ އިތުރުން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނުގެ އަރިހަށް އިޚުތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވުނު މި ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއް ސުޢޫދުއާއި ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޙުސައިން ފާއިޒްވެސް ބައިވެރިވަޑައިގެންނެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން އަބްދުﷲ ޝާހިދުވަނީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އިވާ އަބްދުﷲއާވެސް ބައްދަލުކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޢިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މަޖލިހުގެ މެޖޯރިޓީ ލީޑަރާއި ކޮމިޓީތަކުގެ މުޤައްރިރުން ބައިވެރިވެވަޑައިގެންނެވިއެވެ. މަޖިލީހަށް ކުރެއްވި ޒިޔާރަތުގައި ސިޔާސީ ޕާޓީތައް ތަމްސީލުކުރައްވާ މަޖިލިސް މެންބަރުންނާއި، މަޖިލީހުގެ މުވައްޒަފުންނާއި ވަނީ ބައްދަލުކުރައްވާ އެތަނުގައި ޔޫއެންޖީއޭގެ ރައީސް ވަގުތުކޮޅެއް ހޭދަކުރެއްވިއެވެ.

މީގެ އިތުރުން އަބްދުﷲ ޝާހިދު ވަނީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަބްދުﷲ ޝަމާލްއާ ސިފައިންގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންފިއެވެ.

އދ ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރާއްޖެއަށް މިއަދު ފެއްޓެވި ދަތުރުފުޅަކީ 3 ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ.

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، އދ.ގެ ޢާންމު މަޖިލީހުގެ ރައީސްކަމުގެ ހުވާކުރައްވައި ޢާންމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރިޔާސަތާ ޙަވާލުވެވަޑައިގެންފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ.