ދިވެހިންގެ ނަމާއި ޝަރަފު ދެމެހެއްޓުމައްޓަކައި އދ.ގެ ޢާންމު މަޖިލީހުގައި ހިފެހެއްޓުމެއްނެތި މަސައްކަތް ކުރައްވާނެކަމަށް އދ.ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޚާރިޖީ ވަޒީރުކަންވެސް ކުރައްވަމުންގެންދަވާ އދ.ގެ ޢާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސުލްޖުމްޙޫރިއްޔާގެ އޮފީހުގައި ދެއްވި ގުޅިފައިވާ ބަޔާނުގައެވެ.
ޢަބްދުﷲ ޝާހިދު ވިދާޅުވީ، އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތުން ކުރަންވީ ކަންކަމާ ގުޅޭގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފާޅުކުރެއްވި ޚިޔާލުތަކާއި އެމަނިކުފާނު ވިސްނުންފުޅާ އެއްގޮތަށް މަސައްކަތްތައް ބައްޓަންކުރައްވާނެކަމަށެވެ.
އދ.ގެ ޢާންމު މަޖިލީހުގެ ރައީސް ވިދާޅުވީ އެމަނިކުފާނުގެ އުންމީދީ ރިޔާސަތުގައި ހިމެނޭ 5 ދޯދި ފެށިފައިވަނީ ދިވެހިރާއްޖެއިން ކަމަށާއި، އެއީ ރާއްޖޭގެ ރީތި ގޮނޑުދޮށްތަކަށްދޭ ނަލަ ރީތި އަލީގެ ތެރެއިން އދ.ގެ މަޖިލީހަށް ގެންގޮސްދޭ ދިވެހިންގެ 5 ދޯދިކަމަށެވެ. އަދި އެ 5 ދޯދީގެ ތެރޭގައި ރައީސް ޞާލީހް އެދިވަޑައިގެންނެވި ހުރިހާކަމެއް ހިމެނޭކަމަށް ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑު ދިވެހިރާއްޖޭގެ ނަމާއި ޝަރަފާއި ޤަދަރު ނެގެހެއްޓުމައްޓަކައި ހިފެހެއްޓުމެއްނެތި މަސައްކަތް ކުރާނަން. މިފަދަ ފުރުސަތެއް ދިވެއްސަކަށް ލިބިގެންދިޔައީ، މަނިކުފާނުގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަން. މަނިކުފާނު ދުނިޔޭގެ ޤައުމުތަކާއެކު ގުޅުން ބަހައްޓަވަމުން ގެނދެވުމަށް 17 ނޮވެންބަރު 2018ގައި ފެއްޓެވި ޚާރިޖީ ސިޔާސަތުގެ ސަބަބުން" ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
އދ.ގެ ޢާންމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރިޔާސަތު ވެގެންދާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީހް އުންމީދުކުރައްވާފަދަ ނަތީޖާތަކެއް ނެރެދޭނެ ރިޔާސަތަކަށްކަމަށާއި، އުންމީދީ މަސައްކަތްތަކެއް ކުރެވޭނެކަމަށް ޢާބްދުﷲ ޝާހިދު ވިދާޅުވިއެވެ.