ކޯވިޑުގެ ސަބަބުން އިޤްތިޞާދީ ގޮތުން އެންމެބޮޑު ގެއްލުމެއް ލިބެމުންދާ ކުދި ޖަޒީރާ ޤައުމުތަކުގެ ދަރަނިތަކަށް ލުޔެއް ހޯދައިދިނުމުގައި، އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތުން އުންމީދީ މަސައްކަތްތަކެއް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ އަރިހުން އެދިވަޑައިގެންފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ އދ.ގެ ޢާންމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރައީސް ޢަބްދުﷲ ޝާހިދާ ދެބޭފުޅުން ދެއްވި ގުޅިފައިވާ ބަޔާނުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުގެ މަގާމުގައި ހުންނަވައި، ޕީ.ޖީ.އޭ.ގެ މަގާމު ފުރުއްވަމުން ގެންދަވާއިރު، ދުނިޔޭގެ މަސްރަޙުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި އެކުލެވިގެންވާ ބައިނަލްއަޤްވާމީ މުޖުތަމަޢާ ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙު އާލާކޮށް، ޑިމޮކްރަސީގެ ހަމަތަކަށް އިޙްތިރާމު ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކޮށް، އިންސާނީ ޙައްޤުތައް ދެމެހެއްޓުންފަދަ ކަންތައްތައް ކުރިއެރުވުމަށް އިތުރު އިސްކަމެއް ދޭނެ ކަމުގައި އުންމީދު ކުރައްވާކަމަށެވެ.
ޒަމާނަށް އަންނަމުންދާ ބަދަލުތަކާ އެއްގޮތަށް، އދ.ގެ އެކިއެކި ގުނަވަންތަކުގެ މަސައްކަތްތައް އިޞްލާޙު ކުރުމަކީ، ރާއްޖެއިން އަބަދުވެސް މުހިންމު ކަމެއް ކަމުގައި ދެކި، އެކަމަށް ވަކާލާތު ކުރަމުން އަންނަ ކަމެއްކަމަށާއި، އެހެންކަމުން، އދ.އިޞްލާޙު ކުރުމުގެ މަސައްކަތްތައް، ޢަބްދުﷲ ޝާހިދުގެ ޒަޢާމަތުގައި އިތުރަށް ހަލުވިކުރުމަށް އެދިވަޑައިގެންނެވިކަމަށް ރައީސް ވިދާޅުވިއެވެ.
"ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެ އިސްކަންދޭ މުހިންމު ދާއިރާތަކާ ގުޅޭގޮތުންވެސް އަޅުގަނޑުމެން މަޝްވަރާ ކުރިން. އޭގެތެރޭގައި، ކޯވިޑުގެ ބަލިކަމުން އަރައިގަތުމުގައި، އދ.ގެ ދައުރު މުހިންމު ކަމަށް އަޅުގަނޑު ދެންނެވިން. އަދި ހުރިހާ ޤައުމުތަކަށް ހަމަހަމަގޮތެއްގައި ވެކްސިން ފޯރުކޮށްދެއްވުމަށް ޕީ.ޖީ.އޭ. ގެންގުޅުއްވާ ސިޔާސަތަށް މަރުޙަބާ ދަންނަވަަން" ރައީސް ވިދާޅުވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން، ދިވެހިރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވަމުންދާ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި ހުރިހާ ޤައުމުތަކެއް ޝާމިލުވާ ނިޒާމެއްގެ ތެރެއިން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް ދެބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން ކޯވިޑުގެ ބަލިމަޑުކަން، ދުނިޔޭގައި އެންމެ ފުރަތަމަ ފެތުރެން ފެށިއިރު، އދ.ގެ އެކި ގުނަވަންތަކުން ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް ފޯރުކޮށްދެއްވި ހިލޭ އެހީތަކަށް ދިވެހި ރައްޔިތުންގެ ނަމުގައި، ރައީސް ވަނީ ޝުކުރު އަދާކުރައްވައި، ކޯވިޑްގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުދި ޖަޒީރާ ޤައުމުތަކަށް ލުއިގޮތްތަކެއް ހައްދަވައިދެއްވުމަށް މުހިއްމު މަޝްވަރާތަކެއް ދެބޭފުޅުންވަނީ ކުރައްވާފައެވެ.
"އަޅުގަނޑުމެންގެ މަޝްވަރާތަކުގައި، ކޯވިޑުގެ ވަބާގެ ސަބަބުން އިޤްތިޞާދީ ގޮތުން އެންމެބޮޑު ގެއްލުމެއް ލިބެމުންދާ ކުދި ޖަޒީރާ ޤައުމުތަކުގެ ދަރަނިތަކަށް ލުޔެއް ހޯދައިދިނުމުގައި، އދ.ގެ ޢާންމު މަޖިލީހުގެ ދައުރުގެ މުހިންމުކަން ފާހަގަކުރިން. އަދި އދ.ގެ ޢާންމު މަޖިލީހަކީ ދުނިޔޭގެ ހުރިހާ ޤައުމުތަކެއް ތަމްސީލު ކުރެވޭ މަޖިލިސް ކަމަށްވާއިރު، މިފަދަ ކަންކަމުގައި ޢާންމު މަޖިލީހުގެ ރިޔާސަތުން އުންމީދީ މަސައްކަތްތަކެއް ކޮށްދެއްވުމަށް، ޕީ.ޖީ.އޭ.ގެ އަރިހުގައި އަޅުގަނޑު ދެންނެވިން" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުން ތަޙައްމަލް ކުރަމުންދާ އަނިޔާތަކާއި، ބޭއިންޞާފުން އަރައިގަތުމަށްޓަކައި އަންހެން ކުދިންނާއި އަންހެނުން ބާރުވެރިކުރުވައި، މިންތީގެ ހަމަހަމަކަން ޤާއިމުކުރަންޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށާ، އެކަން ހާސިލުކުރުމަށްޓަކައި ޕީ.ޖީ.އޭ.ގެ ސެކްރެޓޭރިއަޓް އެކުލަވައިލައްވާފައިވަނީ، މިންތީގެ ހަމަހަމަކަމުގެ މައްޗަށް ކަމަށްވާތީ، އެކަން ރައީސް ފާހަގަކުރެއްވިއެވެ.
ޒުވާނުންގެ ބައިވެރިކުރުން އިތުރުކުރުމާއި، ޒުވާނުން ޒިންމާދާރު ކުރުވުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި ޢަބްދުﷲ ޝާހިދުގެ ޒަޢާމަތުގައި، ރާއްޖޭގެ ޒުވާނުންނަށް ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އިޢުލާނު ކުރައްވާފައިވާ ފެލޯޝިޕްގެ ދަށުން ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ފޮރިން ސަރވިސް އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ފުރުޞަތު ހުޅުވިގެން ދިޔުމަކީ، ޒުވާނުންގެ ކުރިމަގު އުޖާލާވެ، އެ ކުދިންގެ މުސްތަޤްބަލް ރަނގަޅުވެގެންދާނެ ކަމެއްކަމަށާއި، ޚާއްޞަކޮށް، ރާއްޖޭގެ ޒުވާނުންނަށް، އ.ދ.ގެ އޮފީސްތަކުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އ.ދ.ގެ މެންބަރަކަށް ދިވެހިރާއްޖެވީ ދުވަހުން ފެށިގެން މިއަދާ ހަމަޔަށްވެސް ދިވެހިރާއްޖެއަކީ ކުދި ޤައުމުތަކުގެ ޙައްޤުގައި ވަކާލާތު ކުރުމުގައި ދެމިއޮތް ޤައުމެއްކަން ފާހަގަކުރައްވައި އެމަނިކުފާނުވަނީ އަބްދުﷲ ޝާހިދުގެ ޒަޢާމަތުގައި އެކަން އެގޮތުގައި ދެމެހެއްޓުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އަބްދުﷲ ޝާހިދާއި، އޮފީހުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގައި ޔަޤީންކުރައްވާކަމަށް ވިދާޅުވިއެވެ.
ޕީ.ޖީ.އޭ.ގެ ވަޢުދުތައް ފުއްދުމަށްޓަކައި ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ދެއްވާފައެވެ.