ޚަބަރު

އެންމެކުޑަ އުޖޫރައިގެ ގޮތުގައި 5،700 ރުފިޔާ ކަނޑައަޅަން ފާސްކޮށްފި


ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 5،700 ރުފިޔާ ކަނޑައެޅުމަށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ފާސްކޮށްފިއެވެ.

ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6ވަނަ އިޞްލާޙާއެކު، އެކުލަވާލެވުނު މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ދިވެހިރާއްޖޭގައި އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައެއް ކަނޑައެޅުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި މިނިމަމް ވޭޖް ކަނޑައެޅުމަށް މިނިސްޓަރަށް ލަފާ އެރުވުމަށް ކުރަމުން އައި މަސައްކަތްތައް ނިންމައި، އިއްޔެގެ ވަގުތެއްގައި މިނިމަމް ވޭޖާ ގުޅޭގޮތުން ބޯޑުން މިނިސްޓަރަށް ދޭ ލަފާ ވަނީ ފާސްކޮށްފައެވެ.

މިނިމަމް ވޭޖް ބޯޑުން މިހާތަނަށް ފާސްކޮށްފައިވަނީ ކުދި ފަންތިއާ މެދު ފަންތީގެ އިތުރުން ބޮޑެތި ވިޔަފާރިތަކަށް އެކަށީގެންވާގޮތަށް ފާސްކޮށްފައިވާ ވޭޖު މިންވަރުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންނަށްދޭ އެންމެ ކުޑަ އުޖޫރައެވެ.

އެގޮތުން އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައިވާ 5،700 ރުފިޔާއަކީ ކުދި ވިޔާފާރިތަކުގައި ދުވާލަކު 8 ގަޑިއިރު މުވައްޒަފަކު މަސައްކަތް ކުރުމުން މަހެއްގެމައްޗަސް ދޭންޖެހޭނެ މިންވަރެވެ. މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ފާސްކޮށްފައިވާ ގޮތުން މެދު ފަންތީގެ ވިޔަފާރިތަކުގައި ދުވާލަކު 8 ގަޑިއިރު މަސައްކަތްކުރުމުން މަހެއްގެ މައްޗަށް މުވައްޒަފުންނަށް 7،000 ރުފޔާ މުސާރައިގެ ގޮތުގައި ދޭންވާނެއެވެ.

މީގެ އިތުރުން ބޮޑެތި ވިޔަފާރިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދުވާލަކު 8 ގަޑިއިރު މަސައްކަތްކުރުމުން، މަހަކު 8900 ރުފިޔާ ދިނުމަށްވެސް ވަނީ ކަނޑައަޅާފައެވެ. ސަރުކާރުގެ އެންމެ މުވައްޒަފުން ގިނަ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ލިބޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މުސާރައިގެ ގޮތުގައި މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ކަނޑައަޅާފައިވަނީ، 7000 ރުފިޔާއެވެ.

ދާދިފަހުންވެސް ސިވިލްސަރވިސް މުވައްޒަފުން ގެންދަނީ އެފަރާތްތަކުގެ މުސާރައާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރުމުންނެވެ. އަދި އެއާ ގުޅިގެން ސަރުކާރުންވަނީ ނޭޝަނަލް ޕޭ ކޮމިޝަނުން މިހާރު މަސައްކަތްކުރަމުން އަންނަ ޕޭ ފްރޭމްވޯކް އޮތީ ނިމުމުގެ އެންމެ ފަހުގެ މަރުޙަލާގައިކަން ހާމަކޮށްފައެވެ. އަދި އެ ފްރޭމްވޯކްގެ މަސައްކަތް ނިމި ތަންފީޒުކުރަން ފެށުމާއެކު ސިވިލް ސަރވިސްގެ އެންމެ އާދައިގެ މުވައްޒަފުންގެ މުސާރައިންވެސް ހެޔޮ ބަދަލެއް ފެންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ސަރުކާރުގެ އަމާޒަކީ ޕޭ ފްރޭމްވޯކްގެ މަސައްކަތް މިއަހަރު ނިންމާ އަންނަ އަހަރު ޢަމަލުކުރަންފެށުންކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.

ބިދޭސީންނަށް މިނިމަމް ވޭޖް ކަނޑައެޅުމުގައި ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ 2 އަހަރު ދުވަހުގެ މޮރަޓޯރިއަމް' ގެ މުއްދަތު 5 އަހަރު ދުވަހަށް އިތުރުކުރަން މިނިމަމް ވޭޖް ބޯޑުންވަނީ ލަފާދީފައެވެ.

އަދި މި މުއްދަތުގައި ބިދޭސީ މަސައްކަތްތެރިންނަށް މިނިމަމް ވޭޖް ދިނުމަށް ކުރަންޖެހޭ ދިރާސާތައް ކުރިއަށް ގެންދިޔުމަށާއި ހާލަތު ބަދަލުވެއްޖެ ކަމަށް ބޯޑަށް ފެނިއްޖެނަމަ، މޮރަޓޯރިއަމް ގެ މުއްދަތުގެ ކުރިންވެސް ބިދޭސީ މަސައްކަތްތެރިންނަށް މިނިމަމް ވޭޖް ދިނުމަށް ބޯޑުން ލަފާދިނުމަށާއި، ބިދޭސީ މަސައްކަތްތެރިން އާދަޔާ ޚިލާފަށް އިތުރުވާން ލިބޭ ފުރުސަތަކަށް ނުވަތަ ސަބަބަކަށް މޮރަޓޯރިއަމް ވެގެން ނުވާނެކަމަށް ބޯޑުންވަނީ ވިދާޅުވެފައެވެ.