ޚަބަރު

ހަޒާރާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ޠާލިބާނުން ޤަތުލްޢާއްމެއް ހިންގިކަމުގެ ތުޙްމަތު


އަފްޣާނިސްތާނުގައި ދިރިއުޅޭ ހަޒާރާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ޠާލިބާނުން ޤަތުލްޢާއްމެއް ހިންގާފައިވާކަމަށް އެމުނެސްޓީ އިންޓަނޭޝަނަލުން ތުޙްމަތުކޮށްފިއެވެ.

އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ބައިނަލްއަޤްވާމީ އަމިއްލަ ޖަމުޢިއްޔާއެއްކަމަށްވާ އެމުނެސްޓީ އިންޓަނޭޝަނަލުން ޢާއްމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ އޮގަސްޓު މަހުގެ 30ވަނަ ދުވަހު އަފްޣާނިސްތާނުގެ ސަރަޙައްދެއްކަމަށްވާ ޚިދުރަށް އެ ޤައުމުގައި ވެރިކަންކުރާ ޠާލިބާން ޖަމާޢަތުގެ 300 ހަނގުރާމަވެރިން ވަދެ އެ ޤައުމުގެ ސަލާމަތީ ބާރުތަކުގައި ކުރިން ޚިދުމަތްކޮށްފައިވާ 11 މީހުން ޤަތުލުކޮށްފައިވާކަމަށެވެ. އަދި އޭގެ ތެރެއިން ނުވަ މީހުން ޤަތުލުކޮށްފައިވަނީ އެ މީހުން އަމާންދީފައިވަނިކޮށްކަމަށާއި ޤަތުލުކުރި މީހުންގެ ތެރޭގައި 17 އަހަރުގެ އަންހެން ކުއްޖެއް ހިމެނޭކަމަށް އެމުނެސްޓީ އިންޓަނޭޝަނަލުންވަނީ ބުނެފައެވެ. އެ ކުއްޖާ މަރުވެފައިވަނީ ޠާލިބާނުންނާއި އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުގައި ކުރިން ޚިދުމަތްކޮށްފައިވާ މީހުންނާ ދެމެދު ބަދަލުކުރި ޙަމަލާތަކެއްގައެވެ. ޤަތުލުކުރި އެންމެންވެސް ނިޞްބަތްވަނީ ހަޒާރާ ދަރިކޮޅަށްކަމަށް އެމުނެސްޓީ އިންޓަނޭޝަނަލުން ބުނެއެވެ. އެއީ އަފްޣާނިސްތާނުގައި މީގެ ކުރިން އޮތް ޠާލިބާނުން ވެރިކަންކަމުގައިވެސް ލާއިންސާނީ ޖަރީމާތަކަކާ ކުރިމަތިލާންޖެހުނު ބައެކެވެ.

އެމުނެސްޓީ އިންޓަނޭޝަނަލުން އެ ރިޕޯޓު ޢާއްމުކޮށްފައިވަނީ ޠާލިބާނުންގެ ޢަމަލުތަކާމެދު ކަނބޮޑުވާކަމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ބުނަމުންދާ ދަނޑިވަޅެއްގައެވެ. އެމުނެސްޓީ އިންޓަނޭޝަނަލުގެ ތުޙްމަތުތައް ޠާލިބާނުންވަނީ ދޮގުކޮށްފައެވެ.