ޚަބަރު

ޕާކިސްތާނުގެ ސަރުކާރުގެ އިސްވެރިން ޚިޔާނާތްތެރިވެފައިވާކަން ހާމަވެއްޖެ


ޕާކިސްތާނުގެ ބޮޑުވަޒީރު އިމުރާން ޚާނުގެ ސަރުކާރުގެ އިސްވެރިންނާއި އަސްކަރިއްޔާގެ އިސްވެރިންނާއި އެ ބޭފުޅުންގެ ޢާއިލާއަށް ނިޞްބަތްވާ މީހުން އެތައް ބިލިޔަން އެމެރިކާ ޑޮލަރެއް ބޭރު ޤައުމުތަކުގައި ފޮރުވާފައިވާކަން ހާމަވެއްޖެއެވެ.

އެކި ޤައުމުތަކުގައި ޤާއިމުވެފައިވާ 14 މާލީ ކުންފުންޏެއްގެ 11.9 މިލިޔަން ސިއްރު ލިޔެކިޔުންތައް ދިރާސާކުރުމަށް އިންޓަނޭޝަނަލް ކޮންސޯޓިޔަމު އޮފް އިންވެސްޓިގޭޓިވު ޖަރނަލިސްޓްސް، އައިސީއައިޖޭއިން ބުނެފައިވަނީ ޕާކިސްތާނަށް ނިޞްބަތްވާ 700އަށްވުރެ ގިނަ މީހުން ޚިޔާނާތުގެ އެކި ޢަމަލުތައް ހިންގާފައިވާކަމަށެވެ. އޭގެ ތެރޭގައި ޕާކިސްތާނުގެ ފެނާބެހޭ ވަޒީރު މޫނިސް އިލާހީއާއި މާލީ ވަޒީރު ޝައުކަތު ތަރީންނާއި ވެރިކަންކުރާ ޕާޓީކަމަށްވާ ތަޙްރީކީ އިންޞާފާއި އިދިކޮޅު ޕާޓީތަކާ ގުޅުންހުރި މީހުން ހިމެނެއެވެ. ބޭރު ޤައުމުތަކުގެ ބޭންކުތަކައި ފައިސާ ރައްކާކުރުމަކީ ޤާނޫނީ ގޮތުން މަނާކަމެއް ނޫނެވެ. ނަމަވެސް އެއީ ޚިޔާނާތުގެ ފައިސާއާއި ޓެކްސް ދައްކަންޖެހޭ ފައިސާ ފޮރުވުމަށް ބޭނުންކުރާ ޚިދުމަތްތަކެވެ.

2018ވަނަ އަހަރުގެ ތެރޭގައި ޕާކިސްތާނުގެ ބޮޑުވަޒީރުގެ މަޤާމަށް އިމުރާން ޚާން ވަޑައިގެންފައިވަނީ އެ ޤައުމުގައި ޒަމާނުއްސުރެ އޮންނަ ޚިޔާނާތާއި ފަސާދައިގެ ޘަޤާފަތް ނައްތަވާލައްވާނެކަމަށް ވަޢުދުވެވަޑައިގެންނެވުމަށްފަހުއެވެ. ނަމަވެސް އައިސީއައިޖޭއިން ޢާއްމުކުރި މަޢުލޫމާތުތަކުން ޕާކިސްތާނުގެ ސަރުކާރުގެ ތެރޭގައި ޚިޔާނާތް އޮތް މިންވަރު ހާމަވެ ޢާއްމުންގެ ބޮޑެތި ފާޑުކިޔުންތަކެއްވަނީ އިމުރާން ޚާނަށް ޢަމާޒުވެފައެވެ. އެ ތުޙްމަތުތައް ކުރެވޭ ސަރުކާރުގެ ވެރިންގެ މައްސަލަތައް ބެއްލެވުމަށްފަހު ފިޔަވަޅުއަޅުއްވާނެކަމަށް އިމުރާން ޚާންވަނީ ވިދާޅުވެފައެވެ.