ޚަބަރު

މީހުން ބިނާކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރަނީ މުދައްރިސުން: ރައީސް


ޤައުމުގެ އިންސާނީ ވަޞީލަތް ތަރައްޤީކޮށް ބިނާކުރުމުގެ އެންމެ މުހިންމު މަސައްކަތްކުރައްވާ ބަޔަކީ މުދައްރިސުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

މުދައްރިސުންގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި ވަނީ މުދައްރިސުން ކުރާ މިންނެތް މަސައްކަތްތަކަށް ތަޢުރީފުކުރައްވާ އެބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް މުދައްރިސުން ކުރެއްވި މަސައްކަތް ފާހަގަކުރައްވައި މުޅި ޤައުމު އެ ބޭފުޅުންނަށް ޝުކުރުވެރިވާނެކަން ޔަޤީންވާކަމުގައި ވިދާޅުވެފައެވެ.

މިއަދުގެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މުޖްތަމަޢަށް އެންމެ ބޭނުންތެރި ގޮތަށް ދަރިން ތަރުބިއްޔަތު ކުރުމުގައިވެސް، މުދައްރިސުން އަދާކުރައްވަނީ ޤައުމީ ޚިދުމަތުގެ ވަރަށް މުހިންމު ވާޖިބެއްކަން ފާހަގަކުރައްވާފައެވެ. އަދި މުޖުތަމަޢުގެ ޒުވާން ޖީލު ސަލާމަތްކުރުމުގައި ވެސް މުދައްރިސުން އަދާކުރައްވަނީ ވަރަށް މުހިންމު ޒިންމާއެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ތަޢުލީމީ ޢުމުރުފުރާގެ އާބާދީއަށް މިވަގުތު ސަމާލުކަން ދޭންޖެހެނީ، ކޮން ދާއިރާތަކަކުންތޯ ވިސްނައިލުމަށް ބާރުއަޅުއްވާފައެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން ޤައުމުގެ ޒުވާން ޖީލު ސަލާމަތްކުރުމާއި، ހަރުކަށި ފިކުރުތަކާއި ހަރުކަށި ޢަމަލުތަކުން، ޅަދަރިން ސަލާމަތްކުރުމަކީ، ޤައުމީ ފެންވަރުގައި މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދީގެން ކުރަންޖެހިފައިވާކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މުޖުތަމަޢުގެ ނޭދެވޭ ކަންކަން އިސްލާހުކުރުމަށް، ދަރިންގެ ހިތްތަކުގައި އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ އަށަގަންނުވައި، އިސްލާމީ ރިވެތި އަޚުލާޤާއި، އިޖްތިމާޢީ އަދަބު އިޙްތިރާމުގެ ގިއުގަނޑުގެ ތެރޭގައި ދަރިން ތަރުބިއްޔަތުކުރުމަށް އިތުރު ސަމާލުކަމެއް ދިނުމަށް ބާރު އަޅުއްވާފައެވެ.