ޚަބަރު

ޓްރާންސްޕޯޓް އިސްވެރިންތަކަކަށް ދައުވާކުރަން ފޮނުވައިފި


މެޝިން ރީޑަބަލް ނަންބަރު ބޯޑު ތައްޔާރުކުރުމުގެ މަސައްކަތް ޙަވާލުކުރުމުގައި ވަކި ފަރާތަކަށް ނާޖައިޒު ފައިދާ ހޯދައިދިންކަމަށް ތަހްޤީގަށް ފާހަގަވެފައިފައިވާތީ، ޓްރާންސްޕޯޓް މިނިސްޓްރީގެ ދެ ނާއިބުން ހިމެނޭ ހެން އެމިނިސްޓްރީގެ ބިޑް ކޮމިޓީގެ 6 މެންބަރެއްގެ މައްޗަށް ދަޢުވާކުރަން ފޮނުވައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެޖިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވީ މި މީހުންގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާކުރުމަށެވެ.

ދިވެހިރާއްޖޭގައި މެޝިން ރީޑަބަލް ނަންބަރު ބޯޑު ބޭނުންކުރުމަށްޓަކައި، އެ ނަންބަރު ބޯޑުތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ޓްރާންސްޕޯޓް އޮތޯރިޓީން 31 ޑިސެންބަރު 2019 ގައި ކޮށްފައިވާ އިޢުލާނާ ގުޅިގެން ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބައެއް ބިޑުތައް ބާޠިލްކުރުމަށްފަހު ވަކި ފަރާތަކަށް ބިޑު އެވޯޑްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެ ހުށަހެޅުނު މައްސަލަ ތަޙްޤީޤުކޮށް
މި މައްސަލާގައި، ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ބިޑު ކޮމިޓީގެ 6 މެންބަރުންގެ މައްޗަށްކަމަށެވެ.

ދަޢުވާކުރަން ފޮނުވި މީހުންގެ ތެރޭގައި ހިމެނެނީ

  • މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުގެ ނައިބު ޝިމާޛު ޢަލީ
  • މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުގެ ނައިބު ޙަމަދު ޢަބްދުލްޣަނީ
  • ޢަލީ އިކްރާމް (ވައިލެޓްވިލާ/ ވ.ކެޔޮދޫ)
  • މުޙައްމަދު ނިޒާރު އާދަމް (ގުލްބަކާގެ/ ނ.މަނަދޫ)
  • މަރްޔަމް ސަމާޙަތު (ފަތިސްހަނދުވަރުގެ/ ހއ.ހޯރަފުށި)
  • މަރްޔަމް ތަސްލީމާ (ނަންބަރު ރސ 9538 / ކ.މާލެ) ގެ މައްޗަށެވެ.

މި 6 މީހުންގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ.

ދިވެހިރާއްޖޭގައި ދުއްވާ އެއްގަމު އުޅަނދުތަކުގައި ބޭނުންކުރުމަށް މެޝިން ރީޑަބަލް ނަންބަރު ބޯޑު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކޮށްފައިވާ އިޢުލާނަށް 3 ކުންފުންޏަކުން ބިޑް ހުށަހަޅާފައިވާއިރު، ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑު ކޮމިޓީން އެ ޕްރޮޖެކްޓް ހަވާލުކުރުމަށް ނިންމާފައިވަނީ ބިޑު އިވެލުއޭޝަން ކްރައިޓީރިއާ އާ އެއްގޮތަށް ޕޮއިންޓް ދިނުމުން އިވެލުއޭޝަނުން ދެވަނަ އަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށްކަން ތަހުޤީގަށް އެނގިފައިވާކަމަށް އޭސީސީން ވިދާޅުވިއެވެ.

އަދި ތަހުޤީޤުން ބެލިބެލުމުން، އިޢުލާނާއެކު އާންމުކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައި ނުވާ ކަންތައްތަކަކަށް ބަލައި، އިވެލުއޭޝަނުން ދެވަނައަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް އެ ބިޑު އެވޯޑުކޮށްފައިވަނީ އެފަރާތަށް ލިބެން ނުޖެހޭ ނާޖާއިޒު މަންފާއެއް ހޯދައިދިނުގެ މަޤުސަދުގައިކަން ތަޙްޤީޤަށް ސާބިތުވާކަމަށް އޭސީސީން ވިދާޅުވިއެވެ.

މި މައްސަލައަކީ މިދިޔަ އަހަރުގެ މާޗުމަހުގައި އޭސީސީން މައްސަލައާގުޅޭ މަޢުލޫމާތު މިނިސްޓްރީ އޮފް ފިނޭންސް އާ ޙިއްޞާކޮށް، މައްސަލައާ ގުޅިގެން ފިޔަވަޅު އަޅައިދިނުމަށް އެދިފައިވާ މައްސަލައެކަމަށާއި، ފިނޭންސް މިނިސްޓްރީން އެ މައްސަލަ ބަލައި، މި ޕްރޮޖެކްޓް ކުރިއަށް ގެންދަންވާނީ ނޭޝަނަލް ޓެންޑަރ ބޯޑުންކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް އަންގައި، ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑްއާއެކު ޤާއިމްކޮށްފައިވާ އެ އެއްބަސްވުން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ބާޠިލްކޮށްފައިވާކަމަށް އޭސީސީންވަނީ މައުލޫމާތުދެއްވާފައެވެ.