ޚަބަރު

ކޯވިޑްގެ ހާލަތުގައި ދަރިވަރުންނަށް ހަމަޖެހުމެއް ގެނެސްދިނީ މުދައްރިސުންގެ ޤުރުބާނީން: މިނިސްޓަރ


ރާއްޖޭގައި ކޯވިޑްގެ ހާލަތުގެ ގޯސްވި ދުވަސްވަރު ކޮންމެވެސް މިންވަރެއްގެ ހަމަޖެހުމެއް ދަރިވަރުންނަށް ގެނެސްދިނީ މުދައްރިސުންގެ ޤުރްބާނީގެ ސަބަބުންކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ވަނީ ސްކޫލުތަކުގައި ކިޔަވައިދެއްވަމުންގެންދާ މުދައްރިސުންނަށާއި ކުރިން މުދައްރިސްކަންކޮށް އެމަސައްކަތުން މިހާރު ވަކިވެވަޑައިގެންފައިވާ ފަރާތްތަކާއި މުދައްރިސުކަމަށް ލޯބިކުރާ ފަރާތްތަކަށް ދުވަހުގެ ތަޙްނިޔާ ފޮނުވާފައެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރުމަހުގެ 5 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ މިދުވަހަށް ޔުނެސްކޯއިން ކަނޑައަޅާފައިވަނީ "ކިޔަވައިދިނުން އިހުއޮތްގޮތަށް އިޢާދަކުރުމުގެ ހިތަކީ މުދައްރިސުން“ މިއެވެ.

މި ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީ ދެއްވި ޚިޠާބުގައި ވަނީ ކޮވިޑްގެ ދުވަސްވަރު، ކޮންމެވެސް މިންވަރެއްގެ ހަމަޖެހުމެއް ދަރިވަރުންނަށް ގެނެސްދިނީ މުދައްރިސުންގެ ޤުރްބާނީގެ ސަބަބުންކަން ފާހަގަކުރައްވާފައެވެ. ދަރިވަރުންނަށް ކިޔަވައިދިނުމަށްޓަކައި އައު ކަންތައްތަކެއް ދަސްކޮށް ކުރިން ބޭނުންނުކުރާ ވަޞީލަތްތައް ބޭނުންކޮށްގެން ކިޔަވައިދީފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ކޯވިޑްގެ ދުވަސްވަރު މުދައްރިސުން ކުރި ހިތްވަރަށްޓަކައި ޝުކުރު އަދާކުރައްވަފައެވެ.

"މުދައްރިސުންނަށް ޖެހުނީ އައު ކަންތައްތަކެއް ދަސްކޮށްގެން، އެހެންޏާ ބޭނުންނުކުރާ ވަސީލަތްތަކެއް ބޭނުންކޮށްގެން، އެހެންޏާ ނުކިޔަވައިދޭ ގޮތަކަށް ކިޔަވައިދޭން. މުދައްރިސުން މިކަން ނުކުރިނަމަ، ދަރިވަރުންނަށް ވާނޭ ގޮތް، ގޭބިސީގެ އިޖްތިމާޢީ ދިރިއުޅުމަށް އަންނާނޭ ހުސްކަން އަޅުގަނޑަށް ދަންނަވާކަށްވެސް ނޭނގޭ."މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު އަލީ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކުގެ މުދައްރިސުންވެސް ފާހަގަކުރާ ފަދައިން އިންޓަރނެޓާއި އެހެނިހެން ވަޞީލަތްތައް ބޭނުންކޮށްގެން ކިޔަވައިދިން ކަމުގައި ވިއަސް، ކުރިން ކިޔަވައިދޭ ފެންވަރަށް، އެ މިންވަރަށް ކިޔަވައިދެވިފައި ނުވާކަމަށް ރާއްޖެގެ މުދައްރިސުންވެސް ފާހަގަކުރާކަމަށެވެ. އެހެންކަމުން އަނެއްކާވެސް ކުދީންގެ ތަޢުލީމު އިހު އޮތް ގޮތަށް އިޢާދަކުރުމަށް މަސައްކަތް ކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ކަމެއް އިހު އޮތްގޮތަށް އިޢާދަކުރަން ޖެހޭނީ، އެކަމަކަށް ހީނަރުކަމެއް އައުމުން. ބަލިކަށިކަމެއް ލިބުމުން. ކޮވިޑް ރޯގާގެ ސަބަބުން ކިޔަވައިދިނުން އެތައް ދުވަހަކަށް މެދުކެނޑިފައިވޭ. އިންޓަރނެޓާއި އެހެން ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގައި ކިޔަވައިދިން ކަމުގައި ވިއަސް، ކުރިން ކިޔަވައިދޭ ފެންވަރަށް، އެ މިންވަރަށް ކިޔަވައިދެވިފައި ނުވާކަން މުދައްރިސުން ފާހަގަކުރޭ. މި މައްސަލަ ދުނިޔޭގެ ހުރިހާ ޤައުމަކަށް ވެސް މެދުވެރިވެފައިވޭ." މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު އަލީ ވިދާޅުވިއެވެ.

މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިއާރަށް އަލިއަޅުއްވާލައްވާ މިނިސްޓަރ ވަނީ ކިޔަވައިދިނުން އިހުއޮތްގޮތަށް އިޢާދަކުރުމުގެ މަސައްކަތުގެ ހިތަކީ، ނުވަތަ ރޫޙަކީ މުދައްރިސްކަން ފާހަގަކުރައްވާފައެވެ. ކޮވިޑްގެ ދަތި ޙާލަތުގައި ބަލިމަޑުކަމުން އަރައިގަތުމުގެ ސިއްރަކީ މުދައްރިސުންކަމަށާއި ރޯގާގެ ސަބަބުން މާޔޫސްވެފައިވާ މީސްތަކުންނަށް ހިތްވަރާއި ހިތްހަމަޖެހުން ކޮންމެވެސް ސިފައެއްގައި ގެނެސްދިނީ މުދައްރިސުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކޮވިޑާއި ގުޅިގެން ޞިއްޙީ ދާއިރާއާއި އެހެން ދާއިރާތަކުގެ މަސައްކަތްތެރީން އިޙްތިފާލު ކުރިގޮތަށް، މުދައްރިސުންގެ ރޯލު ފާހަގަކުރުމަކީ ލާޒިމްކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.