ޚަބަރު

ރާއްޖޭގެ ސިއްހީ ދާއިރާއަށް ޖަޕާނުން 3.6 މިލިއަން ޑޮލަރުގެ އެހީއެއް


ޖަޕާނުން ރާއްޖެއަށް 3.6 މިލިއަން ޑޮލަރުގެ އެހީއެއް ފޯރުކޮށްދީފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދިން 55 މިލިއަން ރުފިޔާ ނުވަތަ 3 މިލިއަން ޑޮލަރުގެ އެހީއަކީ ސިއްހީ ދާއިރާއިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރެއްވުމަށް ފޯރުކޮށްދިން އެހީއެއްކަމަށެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދިން އެހީގެ އެކްސްޗޭންޖް އޮފް ނޯޓްސްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަހުމަދު ޚަލީލްއެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.

ޖަޕާނުން ފޯރުކޮށްދިން އެހީގެ ދަށުން ސިއްހީ ދާއިރާގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ މަސައްކަތްކުރާއިރު، އޭގެ ތެރޭގައި ޒަމާނީ ސީ އެމްބިއުލާންސްއެއް ހޯދުން ހިމެނެއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސްޓޭޓް މިނިސްޓަރ ޚަލީލް ވިދާޅުވީ ކޯވިޑްގެ ހާލަތާއެކު ސީ އެމްބިއުލާންސްއަށް އޮންނަ ޑިމާންޑް ބޮޑުވެ، ދަތިތަކެއް ކުރިމަތިވެފައިވާކަމަށެވެ. އެހެންކަމުން ޖަޕާނުން ފޯރުކޮށްދިން އެހީއަކީ މިވަގުތު ރާއްޖެއަށް މުހިއްމު، އަދި އެ އެހީގެ ސަބަބުން މަސައްކަތަށް ލުއިތަކެއް ލިބިގެންދާނޭ އެހީއެއްކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ސްޓޭޓް މިނިސްޓަރގެ ވާހަކަފުޅުގައި ޖަޕާނުން ފޯރުކޮށްދިން އެހީއަކީ އެޤައުމުން ރާއްޖެއަށް ފޯރުކޮށްދޭ ދީލަތި އެހީއަށް އަނެއްކާވެސް އިތުރުވެގެންދިޔަ ކަމެއްގެ އެހީއެއްގެ ގޮތުގައި ފާހަގަކުރައްވައި ޖަޕާނު ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

ޒަމާނީ ސީ އެމްބިއުލާންސްއެއް ހޯދުމަށް ޖަޕާނުން ރާއްޖެއަށް 3.6 މިލިއަން ޑޮލަރުގެ އެހީތެރިކަމެއް ފޯރުކޮށްދިންއިރު، 2019 ވަނަ އަހަރުގެ އޮކްޓޫބަރުމަހުވެސް ޖަޕާނުން ވަނީ ރާއްޖެއަށް ސީ އެމްބިއުލާންސް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެފަހަރު ޖަޕާނުން ވަނީ 15 އަތޮޅެއްގެ 21 ރަށަކަށް 21 ސީ އެމްބިއުލާންސް ހަދިޔާކޮށްފައެވެ.