ޚަބަރު

10 އަހަރަށްފަހު ޢަބްދުﷲ ރަސްގެފާނާއި ބައްޝާރު ވާހަކަފުޅުދައްކަވައިފި


10 އަހަރަށްފަހު އުރުދުންގެ ޢަބްދުﷲ ރަސްގެފާނާއި ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ވާހަކަފުޅުދައްކަވައިފިއެވެ. އެއީ 2011ވަނަ ފެށުނު ސޫރިޔާގެ ދާޚިލީ ހަނގުރާމައަށްފަހު ޢަބްދުﷲ ރަސްގެފާނާއި ބައްޝާރު ވާހަކަފުޅުދެއްކެވި ފުރަތަމަ ފަހަރެވެ.

އުރުދުންގެ ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޢަބްދުﷲ ރަސްގެފާނާއި ބައްޝާރު ވާހަކަފުޅުދައްކަވައި މަޝްވަރާކުރައްވާފައިވަނީ ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައިކަމަށެވެ. އެ ގޮތުން ދާދިފަހުން އުރުދުންނާއި ސޫރިޔާ ގުޅުވައިދޭ މައިމަގުވަނީ ޢާއްމުންނަށް ހުޅުވާލައިފައެވެ. އެއީ ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް އެޅި މުޙިއްމު ފިޔަވަޅެކެވެ.

ފޯނު މެދުވެރިކޮށް ކުރެއްވި މަޝްވަރާތަކުގައި ޢަބްދުﷲ ރަސްގެފާނުވަނީ ދެ ޤައުމުން ގުޅިގެން ކުރިޔަށް ދެވޭނެ ގޮތްތަކާމެދު ވާހަކަފުޅުދައްކަވައިފައެވެ. އަދި ޢަބްދުﷲ ރަސްގެފާނުވަނީ ސޫރިޔާގެ ދާޚިލީ މިނިވަން ކަށަވަރުކުރުމާއި އެ ޤައުމުގެ އަމަންއަމާންކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އުރުދުންނުން އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

ސޫރިޔާގެ ރަސްމީ ނޫސް އިދާރާއިން ބުނެފައިވަނީ ޢަބްދުﷲ ރަސްގެފާނާއި ބައްޝާރުގެ ވާހަކަފުޅުތައް ބިނާކުރައްވާފައިވަނީ ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާވާނެ ކަންކަން ކަނޑައެޅުއްވުމަށްކަމަށެވެ. ދާދިފަހުން ސޫރިޔާގެ ދިފާޢީ ވަޒީރުވަނީ އުރުދުންނަށް ވަޑައިގެން އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައިފައެވެ. އަދި މިޞްރުގެ ތެލާއި ގޭސް އުރުދުން މެދުވެރިކޮށް ސޫރިޔާއާއި ލުބުނާނަށް ފޯރުކޮށްދިނުމަށްވަނީ ނިންމައިފައެވެ.