ޚަބަރު

ފުލުހުން ބަލަނީ ރިޓަޔަރމަންޓް ޕެންޝަނާގުޅޭ މައްސަލައެއް ނޫން


މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައިގައި، ހިމެނޭ ފައިސާއަކީ ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ވަޒީފާދޭ ފަރާތުންނާއި ވަޒީފާ އަދާކުރާ ފަރާތުން ޖަމާކުރާ ފައިސާއާ ގުޅުހުންހުރި މުޢާމަލާތެއް ނޫން ކަމަށް ޕެންޝަން އޮފީހުން ހާމަކުރައްވައިފިއެވެ.ޕެންޝަން އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ސްކީމްގެ އިތުރަށް ދިވެހި ދައުލަތުގ ބަޖެޓުން ދެމުން ގެންދާ އެހެނިހެން ޕެންޝަންތައް ދޫކުރަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށްތޯ ބެލުމަށް ޕެންޝަން އޮފީހުގެ އިންޓާރނަލް އޮޑިޓް ޑިޕާޓްމަންޓުން ޚާއްސަ އޮޑިޓެއް ހިންގާފައިވާ ކަމަށާއި އަދި ހިންގުނު އޮޑިޓްގެ ތެރެއިން  އުސޫލުތަކުގެ ބޭރުން ހިނގާފައިވާ މުއާމަލާތެއް ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ މުއާމަލާތާ ގުޅޭ ފައިސާ އަނބުރާ ހޯދުމަށް ކުރެވުނު މަސައްކަތުން އެފައިސާގެ ޖުމްލަ އަދަދު އަނބުރާ ހޯދިފައިވާ ކަމަށާއި ޕެންޝަން އޮފީހުން މިފަދަ ކަންކަމާމެދު އަމަލު ކުރުމަށް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ބަޔާނުގައި ވިދާޅުވެފައިވެއެވެ.މީގެ އިތުރުން ޕެންޝަން އޮފީހުން ފުލުހުންނަށް ހުށަހެޅުނު މައްސަލައިގައި ހިމެނޭ  ފައިސާއަކީ، ދިވެހިރާއްޖޭގެ ރިޓަޔަމަންޓް ޕެންޝަން ސްކީމަށް ވާޒީފާދޭ ފަރާތުންނާއި ވަޒީފާ އަދާކުރާ ފަރާތުން ޖަމާކުރާ ފައިސާއާ ގުޅުހުންހުރި މުއާމަލާތެއް ނޫންކަމަށްވެސް ޕެންޝަން އޮފީހުގެ ނޫސްބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. އެއޮފީހުގެ ބަޔާނުގައި ހާމަކުރައްވާފައިވާ ގޮތުގައި، މިފަދަ ކަމެއް ކުރިއަށް އޮތްތަނުގައި ތަކުރާރު ވިޔަނުދިނުމަށާއި ޕެންޝަން ސްކީމްގެ ބައިވެރިންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ޕެންޝަން އޮފީހުން އަޅަމުން ގެންދާނެ ކަމުގެ ޔަޤީން ދެއްވާ ކަމަށް ވިދާޅުވެފައިވެއެވެ.ފުލުހުން ގެންދަނީ ޕެންޝަން އޮފީހުގެ ދެމިލިއަނެއްހާ ރުފިޔާގެ ޚިޔާނާތުގެ މައްސަލައެއް ތަޙުޤީޤްކުރަމުންނެވެ.