ޚަބަރު

މިސްކިތްތަކުގައި ކެމެރާ ހަރުކުރަން ނިންމައިފި


ރާއްޖޭގެ މިސްކިތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، މިސްކިތްތަކުގައި ކެމެރާ ހަރުކުރަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިސްކިތްތަކުގެ ސަލާމަތްތެރިކަމާއި ގުޅޭގޮތޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ މިސްކިތްތަކުގެ ތެރޭގައި، ހިންގޭ ޤާނޫނާއި ޚިލާފް ކަންތައްތަކާއި އެނޫންވެސް ބައެއް ކަންކަން ބެލެހެއްޓުމަކީ ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެއްކަމަށެވެ. އެގޮތުން މިސްކިތްތަކުގެ ރައްކާތެރިކަމަށް އިސްލާމިކް މިނިސްޓްރީއާއި، ކަމާއި ގުޅުންހުރި އިދާރާތަކާއިއެކު ކުރެވުނު މަޝްވަރާތަކަށްފަހު މިސްކިތްތަކުގައި ކެމެރާ ހަރުކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަން ފާހަގަވެފައިވާކަމަށެވެ. މިކަމަކީ ޚަރަދު ބޮޑު ކަމަކަށް ވީނަމަވެސް މިސްކިތްތަކުގައި ކެމެރާ ހަރުކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

"މިސްކިތްތަކުގައި ހިނގާ ކަންކަން ސަވައިލަންސް ކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީއާއި، އެކުގައި މަސައްކަތްތަކެއް ކުރެވި އެކަމަށް ހައްލުތަކެއް ލިބޭތޯ މަސައްކަތް ކުރެވެމުންދޭ. އަޅުގަނޑަށް މިހާރު ޤަބޫލު ކުރެވޭ ގޮތުގައި މިސްކިތްތަކުގައި ކެމެރާ ބެހެއްޓުމަކީ ރާއްޖޭގެ މިއަދުގެ ހާލަތުގައި ކުރަންޖެހޭނެ ކަމެއް. މިސްކިތްތަކުގެ ސަލާމަތާއި، މިސްކިތްތަކުގެ ތެރޭގައި ހިންގާ އެންމެހައި ކަންކަމާއި، މިސްކިތްތަކުގެ ތެރޭގައި ޤާނޫނާއި ޚިލާފް އެއްވެސް ކަމެއް ހިނގާތޯ ބެލުމަކީ އަޅުގަނޑުމެން ކުރަން ޖެހޭނެ ކަމެއްކަމަށް މިހާރު އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވަނީ." އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި މިފަދަ ހުރިހާ ކަމެއް ހިނގައިދާ އެންމެ ބޮޑު ސަބަބަކީ މަސްތުވާތެތީގެ މައްސަލަ ބޮޑުވުމުންކަމަށެވެ. ދާދިފަހުން އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަތް މީހަކީވެސް މަސްތުގެ ހާލަތުގައި ހުރެ އެގެއަށް ވަނުމަށް މަސައްކަތް ކުރި މީހެއްކަމަށާއި، އެމައްސަލަވެސް ފުލުހުން މިހާރު ތަހުގީގު ކުރަމުންދާކަމަށެވެ.