ވިޔަފާރި

ބީއެމްއެލްގެ ޚާއްސަގޮތުން ކުރާ އާންމު ޖަލްސާ މިމަހުގެ 24 ވަނަ ދުވަހު


ބޭންކް އޮފް މޯލްޑިވްސްގެ ޚާއްސަގޮތުންކުރާ އާންމު ޖަލްސާއެއް މިމަހުގެ ތެރޭގައި ބޭއްވުމަށް އެ ބޭންކުން ނިންމައިފިއެވެ. މި ޖަލްސާ ބާއްވަނީ ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް 2 ޑިރެކްޓަރުން ހޮވުމަށެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ބުނީ ޚާއްސަގޮތުން ކުރާ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ހިއްސާދާރުންނަށްކަމަށެވެ. މި ޖަލްސާ އޮންނާނީ މިމަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ އޮންލައިން މީޓިން މެނޭޖްމެންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށެވެ.

މި ޖަލްސާގައި ސަރުކާރުގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް 1 ޑިރެކްޓަރަކު އަދި އާންމު ހިއްސާދާރުންގެ ފަރާތުން 1 ޑިރެކްޓަރަކު އައްޔަންކުރުން އޮންނާނެއެވެ. ސަރުކާރުގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރުމަށް ހުށައަޅާފައިވަނީ ސ.ހިތަދޫ، ތަރިވިދާގެ ޢާއިޝަތު ސަޖްނީއެވެ. އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުކަމަށް 2 ފަރާތެއް ވަނީ ހުށައަޅާފައެވެ. އެއީ ހއ. ފިއްލަދޫ، ކަރަންކާވިލާ އަބްދުالله ނަސީމްއާއި، ދަފްތަރު ނަންބަރ ރސ 94-341 ޢަޒްލީމާ އަޙްމަދުއެވެ.

ބީއެމްއެލްގެ ބޯޑުގައި މުޅި ޖުމްލަ ތިބެނީ 11 މެންބަރުންނެވެ. އެއީ ސަރުކާރުގެ ފަރާތުން ބޯޑަށް އައްޔަންކުރާ 8 މެންބްރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަންކުރާ 3 މެންބަރުންނެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޚާއްސަގޮތުންކުރާ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 10 ވަނަ ދުވަހުން 22 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.