ވިޔަފާރި

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ނޮޅިވަރަންފަރު ސްކޫލުގައި ރީޑިންގ ޕާކެއް


ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހދ. ނޮޅިވަރަންފަރު ސްކޫލުގައި ފޮތް ކިއުމަށް ޚާއްސަކޮށް ރީޑިންގ ޕާކެއް ގާއިމްކޮށްފިއެވެ. މި ރީޑިންގ ޕާކު ތަރައްގީކޮށްފައިވަނީ އެ ރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއްކަމަށްވާ ނޮޅިވަރަމްފަރު ޔޫތު ޑިވެލޮޕްމަންޓުންނެވެ.

މި ޕްރޮޖެކްޓްގެ މަޤުސަދަކީ ދަރިވަރުންނާއި ރަށުގެ ރައްޔިތުން ފޮތް ކިއުމުގެ ޝައުގު އުފެއްދުމާއި ފަސޭހަކަމާއެކު ފޮތް ކިޔޭނެ މާހައުލެއް ގާއިމްކުރުމެވެ. ބީއެމްއެލްއިން ވިދާޅުވީ ރީޑިންގ ޕާކުގައި ބަހައްޓާފައިވާ ފޮތް ހަރުގަނޑުތަކަކީ މޫސުމީ ބަދަލުގެ ސަބަބުން ގެއްލުން ނުވާނެހެން ހަދާފައިވާ ފޮތް ހަރުގަނޑުތަކެއް ކަމަށާއި، އެތަނުގައި ހުރިހާ އުމުރެއްގެ ކުދިންނަށް ޚާއްސަ ފޮތް ލިބެން ހުންނާނެ ކަމަށެވެ. އެ ސަރަހައްދު އިތުރަށް ފުރިހަމަ ކުރުމަށް އިށީނުމަށް ބެންޗާއި، އުނދޯލި އާއި ޖޯލިފަތި ވަނީ ބަހައްޓާފައެވެ.

ކޮމިއުނީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓްގެ ފަރާތުން މުޙައްމަދު އާޞިފް ވިދާޅުވީ މި ރީޑިންގ ޕާކުގެ ސަބަބުން މުޅި ރަށަށްވެސް ބޭނުންތެރި މަޤްސަދެއް ހާސިލްވެގެންދާނެ ކަމަށް ޤަބޫލްކުރާ ކަމަށެވެ. އަދި ރީޑިން ޕާކް ގާއިމްކޮށްފައިވަނީ އެކަމަށް ވަރަށް އެކަށީގެންވާ ތަނެއްގައިކަންވެސް އޭނާ ފާހަގަކުރިއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިގޮތުން ކޮންމެ ކުއާޓަރއެއްގައި 5 ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 50،000 ރުފިޔާ ކަނޑައެޅެއެވެ. އާންމު ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ޚާއްސަ ކުރެވިގެން ކޮންމެ އަހަރަކުވެސް ކޮމިއުނިޓީ ފަންޑުގެ ދަށުން 1 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ.