ޚަބަރު

ހެލްތުގެ މުވައްޒަފުންގެ މުސާރަ މިރޭ ޖަމާކޮށް ނިމޭނެ: ފިނޭންސް


މުސާރަ ޖަމާވުން ލަސްވި ސިއްޙީ މުވައްޒަފުންގެ މުސާރަ މިރޭ ޖަމާކޮށް ނިމޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ އަތޮޅުތަކުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް ސެޕްޓެމްބަރު މަހުގެ މުސާރަ ޖަމާވުން ލަސްވީ އެ މުވައްޒަފުންގެ ބައެއް މައުލޫމާތުތައް އައު ސިސްޓަމަކަށް އަޅައި އަޕްޑޭޓް ކުރުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށެވެ. އެކަން ކުރަންޖެހުނީ މިދިޔަ މަހު ބައެއް މުވައްޒަފުންނަށް އިތުރަށް މުސާރަ ދެވުމާއި ގުޅިގެން އެކަން ރަނގަޅުކޮށް އެފަދަކަމެއް އިތުރަށް ތަކުރާރު ނުވާނެގޮތަށް ކަންތައްތައް ބައްޓަން ކުރަމުންދަނިކޮށް ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. އަދި ރަށްރަށުގެ މުވައްޒަފުން ބަނޑޭރި ޕޯޓަލްގައި ރަޖިސްޓްރީ ކުރަން މިހާރު ފަށައިފައިވާކަން ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ހެލްތު މިނިސްޓްރީގެ މުވައްޒަފުންތަކެއްގެ މުސާރައިގެ މައްސަލަތަކެއް މިދިޔަ މަހުވެސް ޖެހިފައިވާއިރު، އެފަހަރު ގިނައިން ޖަމާވި މުސާރައިގެ ތެރެއިން ބޮޑު ބަޔެއް އަދިވެސް ލިބިފައިނުވާ ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއްވިއެވެ. އަދި އިތުރަށް ޖަމާވި ފައިސާ ރައްދު ނުކުރާ މުވައްޒަފުންގެ އަތުން އެ ފައިސާ ލިބެން ދެން، އެ މީހުންގެ މުސާރައިން އެ ބައި އުނިކުރަން ފިނޭންސް މިނިސްޓްރީން ވަނީ ނިންމަވާފައެވެ.