ޚަބަރު

ދުތާތޭ ސިޔާސީ މައިދާނުން ދުރަށް، އިންތިޚާބުގައި ވާދަކުރައްވާނީ ދަރިކަނބަލުން


ފިލިޕީންސްގެ ރައީސް ރޮދްރިގޯ ދުތާތޭ ސިޔާސީ ކަންކަމާ ދުރަށް ވަޑައިގެންނެވުމަށް ނިންމެވުމުން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އޭނާގެ ދަރިކަނބަލުން ސާރާ ދުތާތޭ-ކާރްޕިޔޯ ވާދަކުރައްވަން ނިންމަވައިފިއެވެ.

އޭބީއެސް-ސީބީއެން ނިވްސުން ބުނެފައިވަނީ ސާރާގެ ރަނިންމޭޓަކަށް ކަނޑައަޅުއްވަން ނިންމަވާފައިވަނީ ޤާނޫނުހަދާ މަޖިލީހުގެ މެންބަރެއްކަމަށްވާ ކުރިސްޓޮފާ ބޮންގް ގޯއެވެ. އޭނާ ފާހަގަވެފައިވަނީ ދުތާތޭއަށް ވަރަށް ވަފާތެރި ބޭފުޅެއްގެ ގޮތުގައެވެ.

އޭބީއެސް-ސީބީއެން ނިވްސުން ބުނެފައިވަނީ އެ އިދާރާއަށް މަޢުލޫމާތު ދެއްވީ ސީދާ ދުތާތޭކަމަށެވެ. ނަމަވެސް އެ ކަން ސާރާ އަދި ގޯ ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ޢުމުރުފުޅުން 43 އަހަރުގެ ސާރާއަކީ ދާވާއޯ ސިޓީގެ މޭޔަރެވެ. އެއީ ފިލިޕީންސްގެ ތިންވަނައަށް އެންމެ ބޮޑު ރަށެވެ. އަދި ފާއިތުވި އަހަރުތަކުގެ ތެރޭގައި އޭނާވަނީ އެކި ޙަފުލާތަކުގައި ދުތާތޭގެ އަރިހުގައި ބައިވެރިވެވަޑައިގެންފައެވެ.

ފިލިޕީންސްގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެއި މަހުގެ 9ވަނަ ދުވަހުއެވެ. އިންތިޚާބުގައި 64 މިލިޔަން މީހުން ވޯޓުލުމަށް ޝަރުތުހަމަވާނެއެވެ. ފިލިޕީންސްގެ ރިޔާސީ އިންތިޚާބުގެ އިތުރުން އެ ޤައުމުގެ ޢާއްމު އިންތިޚާބާއި ސަރަޙައްދީ އިންތިޚާބުގެ ވޯޓުލުން ބާއްވާނެއެވެ. އެ އިންތިޚާބުތަކުގައި އެތައް ހާސް މީހުންނެއް ވާދަކުރާނެއެވެ. އޭގެ ތެރޭގައި ފިލްމުކުޅޭ މީހުންނާއި ވިޔަފާރިވެރިންނާއި ޤައިދީންވެސް ހިމެނޭނެއެވެ.

ފިލިޕީންސްގެ ރިޔާސީ އިންތިޚާބުގައި މަޝްހޫރު ބޮކްސިން ތެޅުންތެރިޔާ މެނީ ޕެކިޔާއޮވަނީ ވާދަކުރައްވަން ނިންމަވައި ލިޔެކިޔުންތައް ހުށަހަޅުއްވައިފައެވެ.