ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫގެ ޞިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިޔަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު މަގޫދޫ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެރަށުގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެގޮތް ހެދުމުގެ މުހިންމުކަން ރަށު ކައުންސިލުން ފާހަގަކުރެއްވުމާއި ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލާ ބައްދަލުކުރައްވައި ސަރުކާރުން ދާއިރާގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކުގައި ކުރިއެކޭވެސް އެއްގޮތަށް ކައުންސިލުގެ އެއްބާރުލެއްވުން ވަރަށް ބޮޑަށް ބޭނުންވާކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާއި ކައުންސިލާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ކައުންސިލަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
އެގޮތުން، ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެތެރޭގައި ރަށުގައި އެއަރޕޯޓެއް އެޅުމާއި، ރަށަކީ ޔުނިވަރސިޓީއެއް ހިންގާ ރަށަކަށްވުމާއިއެކު ރަށުގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެގޮތް ހެދުމުގެ މުހިންމުކަމާއި، އޭޓީއެމްއެއް ޤާއިމުކުރުމުގެ މުހިންމުކަމާއި، ސްކޫލްގައި ލައިބްރަރީއެއް ޤާއިމުކުރުމާއި، ފުޓްސަލް ދަނޑުގެ މަސައްކަތާއި، ކައުންސިލްގެ ބަޖެޓްގެ ދަތިކަމާއި ގުޅޭ ވާހަކަތައް ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަގޫދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވައި ހަމަޖެއްސެވެން ހުރި ކަންކަން ހަމަޖައްސަވާނެކަމުގައި ވިދާޅުވެފައެވެ. މިގޮތުން، ޓަރފް ދަނޑުގެ މަސައްކަތާއި ޞިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށް ގެންދަވާނެކަމަށާއި، ރަށުގައި ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ބިން ހިއްކުމުގެ މަސައްކަތުގެ ފަހުގެ މަޢުލޫމާތު އެމަނިކުފާނު ވަނީ ކައުންސިލާ ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަނީ ސަރުކާރުން މަގޫދޫ ހިމެނޭ ދާއިރާގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކުގައި ކުރިއެކޭވެސް އެއްގޮތަށް ކައުންސިލުގެ އެއްބާރުލެއްވުން ވަރަށް ބޮޑަށް ބޭނުންވާކަމަށް ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.