ދަރިފުޅު ކޮނޑަށްލައިގެން ހިޔާ ފްލެޓަށް ދިޔަ މަންމައަށް ލިޓަސް އޮޓޯމޯބައިލްސްގެ ފަރާތުން ސައިކަލެއް ހަދިޔާކޮށްފިއެވެ. 
ހިޔާ ފްލެޓާ ހިސާބަށް ދަރިފުޅު ކޮންޑުމަތީގައި އުފުލި މަންޒަރު ފެންނަ ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަންވަނީ ލިބިފައެވެ. ހިޔާ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށިއިރު އެ ސަރަޙައްދުގައި ކޮންމެ ލިބެންޖެހޭ އަސާސީ ބައެއް ޚިދުމަތް ހުރީ ފުރިހަމަ ނުކޮށެވެ. މިކަންކަމާ ގުޅިގެން އެތަނުގައި ދިރިއުޅޭ މީހުންގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. ސްކޫލް ޔުނީފޯމުގައި ހުރި ކުޑަ ކުއްޖަކު ކޮނޑަށްލައިގެން މަންމައަކު ފްލެޓަށް ދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވާން ފެށުމާއެކު އެތައްބަޔަކު މިކަންކަމުގެ ވާހަކަތައް ދައްކައި ކަންބޮޑުވުން ފާޅުކުރިއެވެ. އަދި އެމަންމަޔަށް އެހީތެރިވުމަށް އެތައްބަޔަކު ތެދުވިއެވެ. އޭގެފަހުން މިހާރު ވަނީ އެސަރަޙައްދަށް ބަހުގެ ޚިދުމަތްވެސް ފަށާފައެވެ. 
މިވީޑިއޯ ވައިރަލްވުމާއެކު މިމަންމައަށް ލިބުނު ސަމާލުކަން ބޮޑުވެ އެތައް ބަޔަކުވަނީ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާކަން ހާމަކޮށްފައެވެ. އެގޮތުން މިކުއްޖާއާއި މަންމަ ހޯދުމުގެ މަސައްކަތް ލިޓަސްއިން ފެށީ ޢާއްމުންގެ އެހީތެރިކަމާއެކުގައެވެ. ލިޓަސްއިން ކުރި މަސައްކަތުން ދަރުފުޅު ކޮނޑުމައްޗަށް ލައިގެން ދިޔަ، ވަސީމާ މޫސާއާއި ގުޅޭގޮތް ވިއެވެ. 
		
										
			ލިޓަސްގެ ފަރާތުންވަނީ ވަސީމާއަށް ސައިކަލެއް ހަދިޔާކޮށްފައެވެ. އަދި ހަދިޔާކުރި ސައިކަލު 2 އަހަރު ދުވަހު ހިލޭ ސަރވިސްކޮށްދިނުމާއި 2 އަހަރުގެ މުއްދަތަކަށް ސައިކަލް ދުއްވަން ބޭނުންވާ ޕެޓްރޯލް ޚަރަދުވެސް ދިނުމަށް ނިންމާފައިވާކަމަށް ލިޓަސްއިން ބުނެއެވެ. 
ހިޔާފްލެޓުތަކަށް ބަދަލުވަމުންދާ ޢާއިލާތަކަށް އެކި ގޮތްގޮތުން ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުންވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ފްލެޓަށް ވަނުމަށް ޢިމާރާތުގައި ކުރަންހުރި ބައެއް ފިނިޝިންގެ މަސައްކަތްތަކުގައިވެސް ޢާއްމުން އެހީތެރި ވެފައިވެއެވެ. މިމަސައްކަތަށް ބޭނުންވާ ސާމާނުވެސް އެކި ފަރާތްތަކުންވަނީ ފޯރުކޮށްދީފައެވެ. ހަމައެއާއެކު މަސައްކަތްކުރުމަށް އިންސާނީ އެހީވެސް ބައެއް ކުންފުނިތަކުންވަނީ ފޯރުކޮށްދީފައެވެ. 
ހިޔާ މަޝްރޫޢުގެ ގްރޭސްޕީރިއެޑް ގުނަން ފަށަފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އޮކްޓޯބަރު 1 އިން ފެށިގެން ތިން މަސްދުވަހަށް ފަހު އެއްބަސްވުމުގައި ކަނޑައަޅާފައިވާގޮތަށް ކުލިދައްކަންޖެހެއެވެ.  ފްލެޓަށް ބަދަލުވެ ގިނަބަޔަކު އަންނަނީ މިހާރު އަމިއްލަ ފްލެޓުގެ ފިނިޝިންގެ މަސައްކަތްކުރަމުންނެވެ.