ޚަބަރު

ޤަޠަރުގައި ފުރަތަމަ ފަހަރަށް އިންތިޚާބެއް، އެއްވެސް އަންހެނެއް އިންތިޚާބެއް ނުވޭ


ޤަޠަރުގައި ފުރަތަމަ ފަހަރަށް އިންތިޚާބެއް ބާއްވައިފިއެވެ.

ޤަޠަރުގައި އިންތިޚާބެއް ބޭއްވީ އެ ޤައުމުގެ އެންމެ ބާރުގަދަ ވުޒާރާކަމަށްވާ ޝޫރާ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުމަށެވެ. އެ ގޮތުން 45 މެންބަރުންގެ މައްޗަށް އެކުލެވޭ ޝޫރާ ކައުންސިލުގެ 30 ގޮނޑިއަށް ބޭފުޅުން އިންތިޚާބުކޮށްފައިވެއެވެ. އެ އިންތިޚާބުގައި 63.5 އިންސައްތަ މީހުން ވޯޓު ލައިފައިވެއެވެ. ޝޫރާ ކައުންސިލުގެ 30 ގޮނޑިއަށް އިންތިޚާބުވެފައިވަނީ ފިރިހެން ބޭފުޅުންނެވެ. އެ ކައުންސިލުގެ ގޮނޑިތަކަށް 26 އަންހެން ބޭފުޅުން ވާދަކުރި ނަމަވެސް އެއްވެސް ގޮނޑިއެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެ ކައުންސިލްގައި ބާކީ ހުރި 15 ގޮނޑިއަށް ބޭފުޅުން ޢައްޔަންކުރައްވާނީ ޤަޠަރުގެ އަމީރު ތަމީމު ބިން ޙަމަދު ބިން ޚަލީފާ އާލް ޘާނީއެވެ.

ޤަޠަރުގެ ޝޫރާ ކައުންސިލަކީ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ޒިންމާ އަދާކުރާ ވުޒާރާއެކެވެ. އެ ގޮތުން ޤަޠަރުގެ ޤާނޫނުތަކާއި ސިޔާސަތުތައް އެކުލަވާލުމާއި އެ ޤައުމުގެ ބަޖެޓު އެކުލަވާލަނީ އެ ކައުންސިލުންނެވެ. ނަމަވެސް ޤަޠަރުގެ ސަލާމަތާއި ދިފާޢީ ދާއިރާއާއި އިޤްތިޞާދީ ދާއިރާއާ ގުޅުން ހުރި ޤާނޫނުތަކާއި ސިޔާސަތުތައް އެކުލަވާލުމުގެ ބާރެއް ޝޫރާ ކައުންސިލަކަށް ނޯވެއެވެ.