އިންގްލިޝް ޕްރިމިއަރ ލީގުގައި ޗެލްސީ އާއި ސައުތުހެމްޕްޓަން ބައްދަލުކުރިމެޗް ޗެލްސީ ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު އެއްލަނޑުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 9 ވަނަ މިނެޓްގައި ޖަހައިދިނީ ޗެލްސީގެ ޓްރެވަރ ޗަލޮބާއެވެ. އަދި ފުރަތަމަ ހާފްގައި ޗެލްސިއިން ދެ ފަހަރެއްގެ މަތިން ބޯޅަ ގޯލަށް ވައްދާލި ނަމަވެސް ފުރަތަމަ ފަހަރު ރޮމެލޫ ލުކާކޫ އޮފް ސައިޑް ވި އިރު ދެވަނަ ފަހަރު ބޯޅަ ގޯލަށް ވަނުމުގެ ކުރިން ސެޒާ އަޒްޕިލިކުއޭޓަރވަނީ ކައިލް ވޯކަރ ޕީޓަރސްއަށް ފައުލްކޮށްފައެވެ. މިމެޗްގައި ދެން ފެނިގެންދިޔައީ މެޗްގެ 61 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ސައުތުހެމްޕްޓަންގެ ކެޕްޓަން ޖޭމްސް ވާރޑް ޕްރޯސް މެޗްގެ ނަތީޖާ ހަމަހަމަކުރި ތަނެވެ. ނަމަވެސް މެޗްގެ 77 ވަނަ މިނެޓްގައި ވާރޑް ޕްރޯސް ޗެލްސީގެ ޖޯޖީނިއޯއަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން އޭނާއަށް ރަތް ކާޑު ދެއްކުމާއެކު ސައުތުހެމްޕްޓަން އަށް ހިފަހައްޓާލެވޭގޮތެއްނުވިއެވެ. މިގޮތުން މެޗްގެ 84 ވަނަ މިނެޓްގައި ޓީމޯ ވަރނަރ ޖަހައިދިން ލަނޑާއެކު ޗެލްސީއިން މިމެޗްގައި ދެވަނަ ފަހަރަށް ލިޑު ނެގިއިރު މިލީޑު ވަނީ 89 ވަނަ މިނެޓްގައި ބެން ޗިލްވެލް ޖަހައިދިން ލަނޑާއެކު އިތުރު ވެފައެވެ.
މިކާމިޔާބީއާއެކު ޗެލްސީ ވަނީ ކުޅުނު 7 މެޗުން ލިބިފައިވާ 16 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ސައުތުހެމްޕްޓަން އުޅެނީ ކުޅުނު 7 މެޗުން ލިބިފައިވާ 4 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ.