ޚަބަރު

ސާފް ޗެމްޕިއަންޝިޕް 2021 : ބްރޯޑްކާސްޓިންގ ރައިޓްސް އެންމެ އަގުހެޔޮ އެއް ފަހަރު


މިހާރު ރާއްޖޭގައި ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ބްރޯޑްކާސްޓިންގ ރައިޓްސް ވިއްކާފައިވަނީ އެންމެފަހުން ބޭއްވި މުބާރާތްތަކާއި އަޅާބަލާއިރު އަގުހެޔޮކޮށްކަމަށް މުބާރާތުގެ އޮފިޝަލް ބްރޯޑްކާސްޓިންގ ޕާޓްނަރ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން ހާމަކޮށްފިއެވެ.

ޕީއެސްއެމްއިން މިކަން ހާމަކޮށްފައި މިވަނީ، މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ބްރޯޑްކާސްޓިންގ ރައިޓްސް ޕީއެސްއެމްއިން ވިއްކާފައިވަނީ އަގުބޮޑުކޮށްކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދައްކާފައިވަނިކޮށެވެ.

ޕީއެސްއެމްގެ އޮފިޝަލަކު ވިދާޅުވީ އެންމެފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ބްރޯޑްކާސްޓިންގ ރައިޓްސް ޕީއެސްއެމްއަށް ވިއްކާފައިވަނީ އެއް ލައްކަ ޑޮލަރަށްވުރެ އަގުބޮޑުކޮށް ކަމަށެވެ. ނަމަވެސް ޕީއެސްއެމްއިން މިފަހަރުގެ މުބާރާތުގެ ބްރޯޑްކާސްޓިންގ ރައިޓްސް އެހެން ގައުމުތަކަށް ވިއްކާފައިވަނީ 40 ހާސް ޑޮލަރަށްކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެހެންކަމުން މިއީ ސާފް ޗެމްޕިއަންޝިޕްގެ ބްރޯޑްކާސްޓިންގ ރައިޓްސް އެންމެ އަގުހެޔޮކޮށް ވިއްކި އެއް ފަހަރުކަން އޭނާ ފާހަގަކުރެއްވިއެވެ.

މުބާރާތްތަކުގެ ބްރޯޑްކާސްޓިން ރައިޓްސްއަކީ ރަނގަޅު އާމްދަނީއެއް ލިބޭ އެއްޗަކަށްވުމުން އެ ރައިޓްސް ލިބޭ ފަރާތްތަކުން އަބަދުވެސް އެ ރައިޓްސް ވިއްކަނީ އަގުބޮޑުކޮށެވެ. އެގޮތުން އޭއެފްސީ ކަޕްގެ މެޗަކަށް 8 ހާހެއްހާ ޑޮލަރު، ޔޫރޯގެ މެޗުތަކަށް 1 ލައްކަ 50 ހާހާއި 3 ލައްކަ ޑޮލަރާއި ދެމެދުގެ އަދަދެއް ހަރަދުކުރާއިރު، ވޯލްޑްކަޕްގެ މެޗުތަކަށް 7 ލައްކައެއްހާ ޑޮލަރު ޕީއެސްއެމްއިން ވަނީ ހަރަދުކޮށްފައެވެ.

އަގުބޮޑުކޮށް ރައިޓްސް ވިއްކެން އޮތްއިރުވެސް ޕީއެސްއެމްއިން މިފަހަރު އަގުހެޔޮކޮށް ރައިޓްސް ވިއްކީ ކޯވިޑާއި ގުޅިގެން ގައުމުތަކުގެ އިގްތިޞާދު ހީނަރުވެފައި އޮތުމުން، އެކަމަށް ރިޔާއަތްކުރުމަށްފަހުއެވެ. އެހެންކަމުން 40 ހާސް ޑޮލަރުގެ ކުޑަ އަގެއްގައި ރައިޓްސް ވިއްކުމުންވެސް، އެ އަގު ބޮޑުކަމަށް އެތައް މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގައުމުތަކުން ބުނުމުން، ރާއްޖެއަށް މީގެކުރިން އެހެން ގައުމުތަކުން ރައިޓްސް ވިއްކީ ގަސްތުގައި އަގުބޮޑުކޮށްކަމަށް ބުނުމުގެ ފުރުސަތު އެބައޮތްކަމަށްވެސް ޕީއެސްއެމްގެ އޮފިޝަލް ވިދާޅުވިއެވެ.

ސާފް ޗެމްޕިއަންޝިޕްގެ ބްރޯޑްކާސްޓިންގ ރައިޓްސް މިހާތަނަށް ނުވިއްކާހާ އަގުހެޔޮކޮށް މިފަހަރު ވިއްކިއިރު، ބައެއް ގައުމުތަކަށް ދޫކޮށްފައިވާ ފީޑުތައް ބޭނުންކޮށްގެން ވޯލްޑް ވައިޑް ސްޓްރީމިން ކުރި މައްސަލައެއްވެސް މިހާރު ވަނީ ފެންމަތިވެފައެވެ. މިކަމާއި ގުޅިގެން ޕީއެސްއެމްއިން ވަނީ އެ ފީޑު ވަގުތުން ކަނޑާލައި، އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައެވެ.