މުނިފޫހިފިލުވުން

"އާރުއާރުއާރު"އާއި"ގަންގޫބާއި" އެއްކޮށް، ދެ ފިލްމުގައިވެސް އަޖޭއާއި އާލިއާ


ބޮލީވުޑްގައި މިއަހަރު އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކައަކީ އެތައް ބަޔަކު ިއންތިޒާރުކުރަމުން އަންނަ އެސްއެސް ރާޖާ މޯލީގެ ބޮޑު ފިލްމު "އާރުއާރުއާރު" އާއި ބޯނީ ކަޕޫރްގެ "މައިދާން" ރިލީޒްކުރުން އެއް ދުވަހަކަށް ދިމާވުމުންނެވެ.

ދެ ފިލްމުވެސް އޮކްޓޯބަރ 15 ވަނަދުވަހު ރިލީޒްކުރަން ނިންމުމުން "މައިދާން"ގެ ޕްރޮޑިއުސަރ ބޯނީ ކަޕޫރްވަނީ އެކަމާއި ހިތްހަމަ ނުޖެހި ރާޖާ މޯލީއަށްވެސް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ބޯނީގެ ރުޅި އެންމެ ބޮޑަށް ގަދަވި އެއް ސަބަބަކީ ދެ ފިލްމުގައިވެސް އަޖޭ އުޅުމެވެ. މި ހިޔާލު ތަފާތުވުން ބޮޑުވެފައިވަނިކޮށް އެކަމަށް ނިމުން އައީ އިންޑިއާގެ ދެވަނަ ފަހަރަށް ލޮކްޑައުންނަކަށް ދާންޖެހުމުންނެވެ. އެއާއި އެކު ފިލްމުތައް ރިލީޒްކުރުން ފަހަތަށް ޖައްސާލަން ޖެހުނެވެ.

ކޯވިޑަށް ފަހު އިންޑިއާގެ ސިނަމާތައް މިމަހުގެ 22ގައި ހުޅުވާލަން ނިންމުމުން އަނެއްކާވެސް މި ވަނީ ފިލްމުތައް ރިލީޒްކުރާނެ ތާރީހުތައް އާއްމުކޮށްފައެވެ. އައު ތާރީހުތަކާއި އެކު ޔަޤީންވި އެއްކަމަކީ މިފަހަރު "އާރުއާރުއާރު" އާއި "މައިދާން" ރިލީޒްކުރާ ދުވަސް ދިމާ ނުވާނެކަމަށެވެ. "މައިދާން" މިހާރު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫން 3 ގައެވެ.

"މައިދާން" އަށް ވުރެ ބޮޑަށް ގިނަ ބައެއްގެ ނަޒަރު ހުއްޓިފައި އޮތީ "ބަހޫބަލީ" ގެ ޑައިރެކްޓަރުގެ ބޮޑު ފިލްމު "އާރުއާރުއާރު" އަށެވެ. މި ފިލްމު ސިނަމާތަކަށް މިހާރު އަންނާނެ ތާރީހަކީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހެވެ. އަނެއްކާވެސް އައު ތާރިހާއި އެކު "އާރުއާރުއާރު" މިވަނީ ބޮޑު އެހެން ފިލްމަކާއި ކުރިމަތިލާންޖެހިފައެވެ.

މި ފަހަރު "އާރުއާރުއާރު" ކުރިމަތިލާން ޖެހޭނީ ސަންޖޭ ލީލާ ބަންސާލީގެ " ގަންގޫބާއީ ކަތިއާވާދީ" އެވެ. އެ ފިލްމެ ރިލީޒްކުރާނީ ޖެނުއަރީ މަހުގެ 6 ވަނަދުވަހުއެވެ. މި ދެ ފިލްމުގައިވެސް އެއްގޮތް ކަންތައްތަކެއް އެބަހުރިއެވެ. ދެ ފިލްމުގައިވެސް އާލިއާ ބަޓާއި އަޖޭ އުޅެއެވެ. އަނެއްކާ މި ދެ ފިލްމަށް ފައިސާ ހަރަދުކުރި ޓީމުތަކުގެ ތެރޭގައިވެސް އެއްބަޔަކު ހިމެނެއެވެ.

މިފަހަރު ޕްރޮޑިއުސަރުންގެ ތަޅާ ފޮޅުމެއް އަދި ނެތެވެ. އެކަމަކު ދެން އޮތީ ކުރި ހޯދާނެ ފިލްމެއް ބަލަން ތިބުމެވެ.