ކޯވިޑާއި ގުޅިގެން މިދިޔަ އަހަރު އިޓަލީ ފުރަތަމަ ފަހަރަށް ލޮކްޑައުން ކުރުމުން ވަޒީފާ ގެއްލުނު މީހުންގެ ތެރެއިން އެކަކީ ފެކްޓަރީއެއްގައި މަސައްކަތް ކުރަމުންދިޔަ ކަބާނޭ ލާމޭއެވެ. 
ވަޒީފާ ގެއްލުމުން އޭނާގެ ތިން ކޮއްކޮއާއި އެކު ދުވަސްތައް ހޭދަކުރީ މައިންބަފައިންނާއި އެކު އެމީހުންގެ ގޭގައެވެ. މިހެން ވަގުތު ހޭދަކުރުމުގެ ތެރޭގައި ފޯނަން ޓިކްޓޮކް ޑައުންލޯންޑްކޮށް ކަބީ ލާމޭގެ ނަމުގައި އަމިއްލަ ވީޑިއޯތައް އަޕްލޯޑްކުރަން ފެށިއެވެ. މިހެން ފެށި ވީޑިއޯތަކާއި އެކު މުޅިން ތާފާތު ކެރިއަރއެއް މިވަނީ ފެށިފައެވެ. 
ފުރަތަމަ ކަބީވެސް ޓިކްޓޮކަށް އަޕްލޯޑްކުރަމުން ދިޔައީ އެހެން މީހުންހެން އަމިއްލައަށް ނަށާ ވީޑިއޯތަކާއި ވީޑިއޯ ގޭމްސް ބަލާ ވީޑިއޯތަކާއި އެހެން ބައެއް މަންޒަރުތަކެވެ. އެއަށްފަހު މި އަހަރު ފެށުނު ތަނާހެން ކަބީ ވަނީ އޭނާ ޓިކްޓޮކަށް ދޫކޮށްލާ ވީޑިއޯތައް ބަދަލުކޮށްލާފައެވެ. މި ބަދަލާއިއެކު ސޯޝަލް މީޑިއާގައި ލައިފް ހެކްކަމަށް ބުނެ އެކި މީހުން އަޕްލޯޑްކުރަމުން ދިޔަ ވީޑިއޯތަކަކަށް މަޖާ ގޮތަކަށް މުހިއްމު މެސެޖްތަކެއް ދޭން ފެށިއެވެ. އެއްވެސް ބަހެއް ނުބުނަތާ އަޑެއްވެސް ލައްވާ ނުލައެވެ. 
		
			މިހާރު ލާމޭ އަކީ ޓިކްޓޮކްގައި އެންމެ މަޝްހޫރު އެކަކެވެ. އެނާގެ 114 މިލިއަން ފޮލޯވަރުން އެބަތިއްބެވެ. ލާމޭއަށް ވުރެ ކުރީގައި ޓިކްޓޮކްގައި އުޅެނީ އެންމެ ފަންނާނެކެވެ. އެއީ އުމުރުން ފަނަރަ އަހަރުގެ ޗާލީ ޑިމޭލިއޯއެވެ. 
އުމުރުން 21 އަހަރުގެ ލާމޭގެ ވީޑިއޯތައް ޓިކްޓޮކްގައި މަޝްހޫރުވީ އެއްވެސް ބަހެއް ނުބުނެ ދެ ފަރާތަށް ހުރާލާ ބޮލުގެ ސަބަބުންނެވެ. އަދި އޭނާގެ ހަމަހިމޭންކަން ވީ އެތައް ވާހަކައެއް ބުނެދޭ ކަމަކަށެވެ.  
ލާމޭ ބުނީ ލައިފް ހެކްކަމަށް ބުނެ މީހުން އާއްމު ކުރަމުންދިޔަ ވީޑިއޯތަކަށް އެނާ ވަރަށް ޝައުގުވެރިވިކަމަށެވެ. އަދި އެ ވީޑިއޯތަކާއި އެއްގޮތަށް ވީޑިއޯތަކެއް ހެދުމަށް ހިޔާލަށް އައި ކަމަށާއި އޭނާގެ ވީޑިއޯތައް ވީހާވެސް ގިނަ ބަޔަކަށް ދައްކަން ބޭނުންވިކަމަށެވެ. އެކަމަށް އެންމެ މޮޅު ގޮތެއް ވިސްނަމުން ދަނިކޮށް ހިޔާލަށް އައީ އެއްވެސް ވަރަކަށް ވާހަކަ ނުދައްކާ ވީޑިއޯތައް އަޕްލޯޑްކުރުންކަމަށްވެސް ދާދި ފަހުން ލާމޭ ސީއެންއެންއަށް ދިން އިންޓަވިއުގައި ބުނެފައިވެއެވެ. 
ލާމޭގެ ވީޑިއޯތަކުގައި އެނާ ބުނަދެމުން ދަނީ ދިރިއުޅުން އެހާ ގޮތް ބޮޑުކުރަން ނުޖެހޭ ވާހަކައެކެވެ. ކޮންމެ ކަމެއްވެސް ފަސޭހަ ކަމާއި އެކު ކުރެވޭނެ ގޮތް އޮތްކަމަށެވެ. މި ވާހަކަތައް ބުނެދޭން ކޮންމެ ފަހަރަކު އޭނާ ހޫރުވާލާ ބޮލާއި އަތް ފުޅާކޮށްފައި ކުރާ އިޝާރާތަކީ ގިނަ ބަޔަކަށް ލާމޭގެ ވީޑިއޯތައް މަޖާވެ ކަމުދިޔަ އެއް ސަބަބެވެ. 
		
					
									
			ޓިކްޓޮކްގައި ދެވަނައަށް އެންމެ ކާމިޔާބު ލާމޭ އަންނަނީ ދުވާލެއްގެ މައްޗަށް ދެ ލައްކަ ފޮލޯވަރުން ހޯދަމުންނެވެ. މީގެއިތުރުން އިންސްޓްގަރާމްގައިވެސް 47 މިލިއަން މީހުން އަންނަނީ ލާމޭ ފޮލޯކުރަމުންނެވެ. 
ވަޒީފާ ގެއްލިގެން ޓިކްޓޮކްކުރަން ފެށި ލާމޭ މިއަދު އަންނަނީ ވިޔަފާރި އެތައް ކުންފުންޏެއް ހުށައެޅުންތައް ލިބެމުންނެވެ. އޭގެތެރޭގައި ނެޓް ފިލިކްސާއި، ކާނާގެ ބާވަތްތައް ވިއްކާ އިޓަލީގެ ކުންފުންޏެއްކަމަށްވާ ބަރިލާއާއި އިންޑިއާގެ ޑްރީމް 11 ހިމެނެއެވެ. މީގެއިތުރުންވެސް ބައެއް ސިއްރު ހުށައެޅުންތައްވެސް އަންނަނީ ލާމޭ އަށް ލިބެމުންނެވެ. 
ލާމޭއަށް މިހާރު އަހަރެއްގެ މައްޗަށް އެތައް މިލިއަން ޑޮލަރެއް ލިބޭނެއެވެ. އެހެންނަމަވެސް ލާމޭ އެވާހަކަތައް ދައްކާކަށް ބޭނުމެއް ނޫނެވެ. ލާމޭ ބުނީ އެނާއަށް ލާރި ލިބެން ފެށި ފަހުން މިހާތަނަށް ގަތް އެންމެ އަގު ބޮޑު އެއްޗަކީ އައިފޯން 12 އެއްކަމަށެވެ. އެވެސް އޭނާގެ ވީޑިއޯތައް ކޮލީޓީކުރުމަށް ގަތް އެއްޗެއް ކަމަށެވެ. 
ލާމޭގެ މިހާރުގެ އުއްމީދަކީ އޭނާގެ އައިޑޮލެއްކަމަށް ބަލަމުން އައި ވިލް ސިމިތާއި އެކު ފިލްމެއްގައި ނުވަތަ ޑްރާމާއެއްގައި މަސައްކަތް ކޮށްލުމެވެ.