ޚަބަރު

ހިންނަވަރު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ: އާރުޑީސީ


ޅ.ހިންނަވަރުގެ އާބާދީ 5000 ގާތްކުރާއިރު ރަށުގައި ދިރިއުޅޭ އާބާދީ 2500އަށް އަރައެވެ. ހިންނަވަރުގައި ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅޭއިރު، އެރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ އެރަށުގެ މަގުތައް އަޑިގުޑަންވުމާއި، ވިއްސާރަ މޫސުމުގައި މަގުތަކުގައި ފެންބޮޑުވާ މައްސަލައެވެ.

ހިންނަވަރުގެ މަގުތަކުގެ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރަށު ކައުންސިލްގެ ރައީސް ހަސަން ޝާފިއު ވިދާޅުވީ މި މައްސަލައަކީ އެރަށަށް ޒަމާންވީ މައްސަލައެއްކަމަށެވެ. ނަމަވެސް މިހާތަނަށްވެސް ޙައްލު ލިބިފައިނުވާ މައްސަލައެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޝާފިއު ވިދާޅުވީ ރަށުގައި ދުއްވާ އުޅަނދުތައް ގިނަވުމާއި ގުޅިގެން މަގުތަކުގެ އަޑިގުޑަންކަން އިތުރަށް ބޮޑުވެފައިވާކަމަށެވެ. އަދި އަޑިގުޑަންވުމުގެ ސަބަބުން އުޅަނދުތަކަށްވެސް ބޮޑެތި ގެއްލުންތައް ވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ވިއްސާރަ ދުވަސްވަރު މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލައަކީވެސް އެރަށަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. ޝާފިއު ވިދާޅުވީ މި މައްސަލަ ކުރިމަތިނުވާ އެންމެ މަގެއްވެސް ރަށުގައި މިވަގުތު ނެތްކަމަށާއި ވިއްސާރަ ދުވަސްވަރު މަގުތައް ބޭނުންކުރުމުގައި، ޚާއްސަކޮށް ސްކޫލް ކުދިންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާކަމަށެވެ. އަދި ވިއްސާރައިގެ ފެންގަނޑު ހިނދުމާއެކު ދެން ދިމާވަނީ މަގުތައް ޗަކަވުމުގެ މައްސަލަކަމަށްވެސް ޝާފިއު ވިދާޅުވިއެވެ.

"ވިއްސާރަވެއްޖެނަމަ ރަށުގެ ބޮޑެތި މަގުތަކާ ހުރަސް މަގުތަކުގައި އެއްކޮށް ފެން ބޮޑުވޭ. މިއީ ސްކޫލަށްވެސް ހިނގާ މައި މަގުތައް. ފެންގަނޑު ނުހިނދި 1 ދުވަސް 2 ދުވަސް އޮވޭ." ޝާފިއު ވިދާޅުވިއެވެ.

ހިންނަވަރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރަޤީވެގެން އައުމަކީ އެރަށުގެ ރައްޔިތުން ބޭނުންވެފައިވާ، މުހިންމު މަސައްކަތެކެވެ. ހިންނަވަރު ރައްޔިތުންނަށް ދިމާވެފައިވާ ޒަމާންވީ މައްސަލައަށް ހައްލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ހިންނަވަރުގެ މަގުތައް ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ މިއަހަރުގެ އޭޕްރިލް މަހުއެވެ. އަދި އާރުޑީސީން މިހާރު ދަނީ އެމަސައްކަތް އަމަލީގޮތުން ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވަމުންނެވެ. އެގޮތުން މަގުހެދުމަށް ބޭނުންވާ ކާނުތަކާއި ޖަންގްޝަންތަކާއި އެހެނިހެން މަސައްކަތްތައް ކުރުމަށް ހިންނަވަރުގައި ހަދާ ޔާޑްގެ މަސައްކަތް ވަނީ ގާތްގަނޑަކަށް ނިމިފައެވެ. އަދި އެތަނުގައި ވަރަށް އަވަހަށް މަސައްކަތް ފަށާނެކަމަށް އާރުޑީސީން ބުނެއެވެ.

ހިންނަވަރު މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުސޫލުން 7.1 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް އާރްޑީސީއާ ވަނީ ހަވާލުކޮށްފަވެއެވެ. ސަރުކާރުން 122 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދާ މިމަޝްރޫޢުގެ ދަށުން މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމުކުރުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި މުޅި މަޝްރޫޢުގެ މަސައްކަތް 1 އަހަރާ 5 މަސް ދުވަހުގެ ތެރޭގައި ނިންމާލުމަށް އާރުޑީސީން ވަނީ އަމާޒުކޮށްފައެވެ.

ހިންނަވަރު މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުން އެރަށު ރައްޔިތުންނަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާއިރު، ރާއްޖޭގެ ވަރަށް ގިނަ ސަރަޙައްދެއްގައި ޒަމާނީ ފެންވަރަށް މަގުތައް ހެދުމުގެ މަސައްކަތް މި ސަރުކާރުން ދަނީ ކުރިއަށްގެންދަމުންނެވެ.