ވިޔަފާރި

ކްރޮސްރޯޑް މޯލްޑިވްސްގެ 2 ރިސޯޓަކުން ޑިޖިޓަލް ފައިސާ ބަލައިގަންނަން ފަށައިފި


ރާއްޖޭގައި ފުރަތަމަ ފަހަރަށް ކްރިޕްޓޯ ކަރަންސީ ނުވަތަ ޑިޖިޓަލް ފައިސާ ބަލައިގަންނަން ކްރޮސް ރޯޑްސްގެ ދެ ރިސޯޓަކުން ނިންމައިފިއެވެ.

ކްރޮސް ރޯޑުގެ ދަށުން ހިންގާ، ސައި ލެގޫން މޯލްޑިވްސްއާއި، ހާޑްރޮކް ހޮޓެލް މޯލްޑިވްސްއިން ކްރިޕްޓޯ ކަރަންސީ ބަލައިގަންނަން ނިންމާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ޑިޖިޓަލް ފައިސާ ބޭނުން ކުރަން ފެށީ އެސް.ހޮޓެލްސްއިން ކްރޮސްރޯޑްސްގައި ހިންގާ ދެ ރިސޯޓުގައެވެ. އެއީ ހާޑްރޮކް މޯލްޑިވްސް އާއި ސާއި ލެގޫނެވެ. އެސް ހޮޓެލްސް އަކީ ދުނިޔޭގައި ވެސް އެންމެ ފުރަތަމަ މި ފައިސާ ބަލައިގަންނަން ފެށި އެއް ހޮޓެލް ޗެއިނެވެ.

މިވަގުތު މި ދެ ރިސޯޓުން ބަލައިގަންނަނީ ޑިޖިޓަލް ފައިސާގެ ތެރެއިން "ޔޫއެސްޑީ ކޮއިން" އާއި "ޓެދާ ޓޮކެންސް" (ޔޫއެސްޑީޓީ)އެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ބާވަތްތައް ބަލައިގަންނަން ފަށާނެކަމަށް އެކުންފުނިން ހާމަކުރެއެވެ.

އެކުންފުނީގެ ސީއީއޯ ޑާރކް ވިދާޅުވީ، އެކުންފުނީގެ ވިސްނުން އަބަދުވެސް ގެންގުޅެނީ އީޖާދީ އައު ކަންކަން ތަޢާރަފު ކުރުމަށް ކަމަށާއި، މިހާރަކަށް އައިސް ގިނަ ކަސްޓަމަރުން ރައްކާތެރިކޮށް ކަނބޮޑުވުމަކާއި ނުލައި ފައިސާގެ މުޢާމަލާތް ކުރާން ބޭނުންވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ފުރަތަމަ ރާއްޖޭގައި އެކުންފުނިން ހިންގާ ދެ ރިސޯޓެއްގައި މިޙިދުމަތް ފެށުނު ކަމުގައިވިއަސް ކުރިއަށް އޮތްތަނުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އެކުންފުނީގެ އެހެން ރިސޯޓު އަދި ހޮޓެލްތަކުގައިވެސް މިކަން ތަޢާރަފް ކުރާނެ ކަމަށެވެ.

ކްރޮސް ރޯޑުގެ ދެ ރިސޯޓަކުން ޑިޖިޓަލް ފައިސާ ބަލައިގަންނަން ނިންމާފައިވާއިރު، ރާއްޖޭގައި ޑިޖިޓަލް ފައިސާ މިފަހަކަށް އައިސް ގެންގުޅޭ މިންވަރު ވަނީ އިތުރުވެފައެވެ. ކްރިޕްޓޯ ކަރަންސީ އަކީ ކޮމިޕިއުޓަރ ކޯޑެއްގެ ސިފައިގައި ރައްކާކުރެވޭ ފައިސާއެވެ. އަދި މިގޮތަށް ހުންނަ ފައިސާ އަކީ ރައްކާތެރިކަން ބޮޑު އަދި އެއިން ކުރެވޭ މުޢާމަލާތްތަކުގެ ސިއްރު ހިފެހެއްޓޭ ބާވަތުގެ ފައިސާކަމުން މައިކްރޮސޮފްޓް ފަދަ ބޮޑެތި ކުންފުނިތަކުންވެސް މިފައިސާ ބަލައިގަނެއެވެ.

ނަމަވެސް ބައެއް ޤައުމުތަކުގައި ކްރިޕްޓޯ ކަރަންސީ ބޭނުން ކުރުން އެއްކޮށް ވަނީ މަނާކޮށްފައެވެ. އެގޮތުން ދާދިފަހުން ޗައިނާގައި ހުރިހާ ކްރިޕްޓޯ ކަރަންސީގެ ހުރިހާ ބާވަތެއް މުޢާމަލާތެއް މަނާ ކުރެވިގެން ދިޔައެވެ.