ޚަބަރު

ބ.އަތޮޅު ޒީރޯ ޕްލާސްޓިކް އަތޮޅަކަށް ހެދުމަށް މަސައްކަތްކުރަނީ


ބ.އަތޮޅުގެ ދިހަ އަހަރުގެ ތަރައްޤީ ޕްލޭންގައި އެންމެ ބޮޑު އިސްކަމެއް ދިނީ ޕްލާސްޓިކް ބޭނުން ކުރާ މިންވަރުމަދުކޮށް އެ ދިހަ އަހަރުތެރޭގައި ޒީރޯ ޕްލާސްޓިކް އަތޮޅަކަށް ހެދުމަށްކަމަށް އެ އަތޮޅު ކައުންސިލުން ބުނެފިއެވެ.

ބ.އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާޙް ވިދާޅުވީ ދިހަ އަހަރުތެރޭގައި ޒީރޯ ޕްލާސްޓިކް އަތޮޅަކަށް ބ.އަތޮޅު ހެދިއްޖެނަމަ އަތޮޅުގައި ހުރި ރިސޯޓްތަކުން އަތޮޅުގެ ރަށްތަކަށް ލިބޭ ފައިދާ ބޮޑުވެގެންދާނެކަމަށެވެ.

ބ.އަތޮޅަކީ މުޅި ދުނިޔެއަށް ކަނޑުގެ މުއްސަދިމުން މައްޝޫރުވެ، ބަޔޯސްފިއަރ ރިސާވް އަތޮޅަކަށްވާއިރު އެކަން ދެމެހެއްޓެނިވި ގޮތެއްގައި ބާއްވާން ބޭނުންވާނަމަ ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކޮށް ތިމާވެއްޓަށް ރައްޔިތުން ހޭލުންތެރިވާންޖެހޭކަމަށް އަފްރާޙް ވިދާޅުވިއެވެ.

"މިކަންކޮށްގެން މެނުވީ ރަނގަޅު ތަރައްޤީއެއް އަންނާނެކަމަށް ގަބޫލެއް ނުކުރެވޭ، އެއީ މީ ތިމާވެށި އަތޮޅެއް އެތައް ރިސޯޓެއް އެބައޮތް ތިމާވެށީގެ ގޮތުން ހޭލުންތެރި ވެގެންނޫނީ ރަށްތަކަށް ފަސޭހައިން އެހީތެރިކަމެއް ލިބޭނެކަމަކަށް ގަބޫލެއް ނުކުރެވޭ" އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާޙް ވިދާޅުވިއެވެ.

ބ.އަތޮޅުގައި 18 ރިސޯޓެއް ހިންގާއިރު އޭގެ ފައިދާ އަތޮޅުގެ ރަށްތަކަށް ނުކުރާކަން ފާހަގަކުރަމުން އަފްރާޙް ވިދާޅުވީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ލާމާރުކަޒީ ނިޒާމްގެ ތެރެއިން ކައުންސިލްތަކަށް ބާރުތަކެއް ލިބި ދީފައިވާއިރު ރިސޯޓްތަކުން ކައުންސިލްތަކަށް އެޙީތެރިކަން ފޯރުކޮށްދޭނަމަ ރައްޔިތުންނަށް ބޭނުންވާ އަދި ރަށަށް ބޭނުންވާ ތަރައްޤީ ގެނައުމަށް މައި ސަރުކާރަށް ބަރޯސާވުން ބޮޑުތަނުން ކުޑަކުރެވިގެން ދާނެކަމަށެވެ.

މި ޕްލޭން އެކުލަވާލުމުގެ މަސައްކަތުގެ ދަށުން ތިމާވެއްޓަށް އަހުލުވެރިނުވެ ބ.އަތޮޅުގެ ފަތުރުވެރިކަމުގެ ނަފާ އަތޮޅުގެ ރަށްތަކަށް ހޯދޭނެ ގޮތެއް ނެތްކަމަށާއި އެހެންކަމުން ފުދުންތެރި ކައުންސިލްތަކެއް ބިނާކުރުމަށް ހާއްސަ އިސްކަމެއް ދީފައިވާނެކަމަށް ބ.އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި މިދެންނެވި ކަންކަން ކުރުމަށް ސަރުކާރާއެކު މިހާރުވެސް މަސްވަރާތަކެއް ކުރަމުންދާކަމަށް އަފްރާޙް ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނު ބުނާގޮތުން ކޮންމެ ކައުންސިލެއްވެސް އިންތިހާބުވުމާއެކު ތަރައްޤީ ޕްލޭނެއް ހަދަން މަޖުބޫރުވެއެވެ. އެގޮތުން ރަށްރަށުގެ ތަރައްޤީ ޕްލޭންތައް އެކުލަވާލާ ނިންމުމަށްފަހު އެރަށްތަކުގެ ޕްލޭންތަކަށް ރިއާޔަތްކޮށް އަތޮޅު ޕްލޭނެއް އެކުލަވާލުމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެ އަތޮޅުގެ 10 އަހަރުގެ ތަރައްޤީ ޕްލޭންގައި ރައްޔިތުންނަށް ބޭނުންވާ ގިނަކަން ހިމަނައި، އެކަންކަން ހައްލުކުރުމަށް ބޭނުންވާ ކަންކަން ދެނެގަނެވިފައިވާކަމަށް އަތޮޅު ކައުންސިލުން މައުލޫމާތުދެއެވެ.

އަތޮޅު ކައުންސިލްގެ ޕްލޭންގައި އެކުލަވާލާފައިވާނީ ކައުންސިލްތަކަށް ނަފާ ނެރެވޭނެ ގޮތްތަކާއި މަސްވެރިކަމާއި ފަތުރުވެރިކަމާއި އަތޮޅުގައި ހުރި ފަރުތަކާއި ގިރިތަކާއި ފިނޮޅުތައް ވިއްކައިގެން ލިބޭ އާމްދަނީތައް ކައުންސިލްތަކަށް ލިބިދިނުމަށް ބާރު ލިބޭގޮތަށެވެ.

ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި ބ.އަތޮޅުގެ ހުރިހާ ކައުންސިލްތަކަކުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިތުރުން ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަނީ ބައިވެރިރިވެފައެވެ. އަދި މި ޕްލޭން އެކުލަވާލީ ފަތުރުވެރިކަމުގެ ވުޒާރާއާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ އިތުރުން އެލްޖީއޭގެ ހިޔާލާއި މަސްވަރާއެކުއެވެ.