ކުޅިވަރު

ޤައުމީ ވަންތަކަން ދައްކުވައިދޭ ޤައުމީ ޖަރޒީ ލޯންޗުކޮށްފި


ގައުމީ ވަންތަންކަން ދައްކުވައިދޭ ދިވެހި ގައުމީ ޓީމްގެ ޖޯރޒީ ދައްކާލައިފިއެވެ. އުރީދޫ ސާފް ޗެންޕިއަންގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗްގައި މިރޭ ރާއްޖެ ނިކުންނާނީ ނޭޕާލާއި ދެކޮޅަށެވެ. މިއީ ރާއްޖޭގެ ގައުމީ ޓީމްގެ ޖާޒީ ދިވެހިން ފަރުމާކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ގައުމީ ޓީމުގެ ޖާޒީ ފަރުމާކޮށްފައި ވަނީ ބޭރުގެ ގައުމްތަކުންނެވެ. މިފަހަރުގެ ގައުމީ ޖާޒީ ފަރުމާކޮށްފައިވަނީ ދިވެހި ދިދައިގެ ކުލަތައް ވަރަށް ބޮޑަށް ހިމަނައިގެން އަދި ގައުމީ ދިދަ ޖާޒީއިން ފެންނަގޮތަށެވެ.

ޕީއެސްއެމްގެ ސްޓޫޑިއޯގައި ބޭއްވި ހަފުލާއެއްގައި ޖާރޒީ ލޯންޗުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް ޢަލީ އާޒިމެއެވެ. ޖާޒީ ދައްކާލި ރަސްމިއްޔާތުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ބައިވެރިވެވަޑައިގެންނެވިއެވެ. މިރަސްމިއްޔާތުގައި ވާހަދަކައްކަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އެފްއޭއެމްގެ ސީނިއާ ނައިބު ރައީސް ޢަލީ އުމަރުގެ ވަރަށް ބޮޑު ވިސްނުންފުޅެއްކަމަށާއި މިފަހަރު އާ ޖާރޒީ ތައްޔާރުކުރަން ބޭނުންވީ ވަރަށް ދިވެހިވަންތަ ޖާރޒީއަކަށް ހަދަންކަމަށެވެ. ޖާރޒީ ފަރުމާކުރީ ދިވެހި ކުންފުންޏަކުން، ވަރަށް ދިވެހިވަންތަ ގޮތަކަށްކަމަށާއި މި މުބާރާތުގެ ހުރިހާ ކަމެއްވެސް ކޮށްފައިވަނީ ހުސް ދިވެހިން ބޭނުންކޮށްގެންކަމަށް ބައްސާމް ވިދާޅުވިއެވެ.

މިފަހަކަށް އައިސް ޔޫރަޕްގެ ގައުމުތަކުންވެސް ޖޯރިޒީތައް ފަރުމާކުރަމުންދަނީ ގައުމީ ދިދަ އެއްކޮށް ޖޯރޒީގައި ފެންނަ ގޮތަށެވެ. ރާއްޖޭގެ ގައުމީ ޖޯރޒީވެސް ފަރުމާކޮށްފައިވަނީ ދިވެހި ދިދަ ޖޯރޒީގައި ހިމަނގައިގެންނެވެ. ފެއްސާއި ހުދާއި ރަތުން ޖާޒީ ފަރުމާ ކޮށްފައިވާއިރު، ޖާޒީގެ ކުރިމަތީގެ އެއް އަރިމަތީގައި މަގޭ މަހަލްދީބް ޖަހާފައިވެއެވެ. މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗްގައި މިރޭ ނޭޕާލާއި ދެކޮޅަށް ނިކުންނައިރު، ރާއްޖޭގެ ސަޕޯޓަރުންދަނީ ގައުމީ ޓީމަށް ވަރަށް ބޮޑަށް ސަޕޯޓް ކުރަމުންނެވެ. އެފްއޭއެމްއިން ބުނީ ރާއްޖޭގެ ގައުމީ ޓީމް މިރޭ ކުޅޭ މެޗްގެ ހުރިހާ ޓިކެޓެއް ވިކި ހުސްވެފައިވާކަމަށެވެ.