ކުޅިވަރު

ލީޑަރޝިޕް ކޮލެޓީއާއެކު މިފަހަރުވެސް ގައުމީ ޓީމުގެ ކެޕްޓަނަކީ އަކްރަމް


އަކްރަމްގެ ލީޑަރޝިޕާއެކު މިފަހަރުގެ ސާފް ޗެންޕިއަންޝިޕްގައި ގައުމީ ޓީމުގެ ލީޑަރެއްގެ ރޯލް އަދާ ކުރާނީ އަކްރަމް ޢަބްދުލްޣަނީކަމަށް ޤައުމީ ޓީމުގެ ކޯޗު ޢަލީ ސުޒެއިން ބުނެފިއެވެ. 2018ވަނަ އަހަރު ރާއްޖެއިން ސާފް ޗެންޕިއަންޝިޕްގެ ތަށި ދެވަނަ ފަހަރަށް ކާމިޔާބުކުރިއިރު، އެޓީމުގެ ލީޑަރެއްގެ ދައުރު އަދާކޮށްފައިވަނީ އަކްރަމެވެ. ޒުވާން ކުޅުންތެރިންނާއި ތަޖްރިބާކާރު ކުޅުންތެރިންނާއެކު އަކްރަމްގެ ލީޑަރޝިޕްގެ ދަށުން 2018ވަނަ އަހަރު ސާފް ޗެންޕިއަންޝިޕްގެ ތަށި ކާމިޔާބުކޮށްފައިވާއިރު، ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ މެޗްތަކުގައި ވެސް އަކްރަމްގެ ލީޑަރޝިޕް ވަނީ ފެނިގެންގޮސްފައެވެ.

ގައުމީ ޓީމުގެ ކެޕްޓަން ގިނަ ދުވަސްތަކެއް ވަންދެން ކޮށްފައިވާ ޢަލީ އަޝްފާގަށް މިފަހަރުގެ ސާފް ޗެންޕިއަންޝިޕްގެ ކެޕްޓަންކަން ދޭނެ ވާހަކަ ފަތުރުނެވެ. މިވާހަކައަށް އިޝާރާތްކޮށް ވާހަކަދައްކަމުން ކޯޗް ޢަލީ ސުޒޭން ބުނީ އެއްއިރެއްގައިވެސް އަޝްފާގުގެ ވިސްނުން ކެޕްޓަންކަން ކުރުމަކަށް ނެތްކަމަށާއި މިވަގުތު އަޝްފާގް ވިސްނުން ހުރީ މިފަހަރުގެ ތަށި ރާއްޖެއަށް ހޯދައިދިނުންކަމަށެވެ. ސުޒޭން ބުނީ ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅަން ބަލާއިރު، މިވަގުތު އެބޭންޑު އަޅަށް އެންމެ ހައްގުކަން ބޮޑީވެސް އަކްރަމް ކަމަށާއި މިއީ ނިންމަން ވަރަށް ފަސޭހަ ނިންމުމެއްކަމަށް ސުޒޭން ބުންޏެވެ.

"މީގެ ކުރިން ގައުމީ ޓީމްގައި ކުރި މަސައްކަތުގެ ތެރޭގައިވެސް އަކްރަމްގެ ލީޑަރޝިޕްވަނީ ފެނިގެން ގޮސްފަ. މީގެ ކުރިންވެސް ޖޫނިއަރ ޓީމްގައިވެސް އަކްރަމްވަނީ މަސައްކަތްކޮށްފަ. އެހެންކަމުން މިއީ އެއްވެސް ވަރަކަށް ސުވާލް އުފެދޭކަމެއްވެސް ނޫން. މިޓީމް ގޮވައިގެން އެންމެ ހިތްވަރު ކުރާނެ ކުޅުންތެރިއަކީ އަކްރަމްކަމަށް ފެންނަނީ. އެހެންވެގެން އެގޮތަށް ފެންނަނީ." ގައުމީ ޓީމްގެ ކޯޗް ސުޒޭން ބުންޏެވެ.

އަކްރަމް ބުނީ ކެޕްޓަންކަން ކުރުމަކީ ވަރަށް ބޮޑު ޒިންމާއެއްކަމަށާއި މިޒިންމާއާއެކު މިފަހަރުގެ ތަށި ރާއްޖޭގައި ބަހައްޓަން ބޭނުންވާކަމަށް އަކްރަމް ބުންޏެވެ.