ވިޔަފާރި

"އެކްސްޕޯ 2020 ދުބާއީ" ފަށައިފި


"އެކްސްޕޯ 2020 ދުބާއީ" ފަށައިފިއެވެ. މި އެކްސްޕޯގައި ރާއްޖެއިންވެސް ވަނީ ބައިވެރިވެފައެވެ.

"އެކްސްޕޯ 2020 ދުބާއީ" ކުރިއަށްދާނީ ދުބާއީ އެކްޒިބިޝަން ސެންޓަރުގައެވެ. މި އެކްސްޕޯ ކުރިއަށްދާނީ މި މަހުގެ 1ވަނަ ދުވަހުން ފެށިގެން 6 މަސްދުވަހުގެ މުއްދަތަކަށެވެ.

މިއަހަރުގެ އެކްސްޕޯއަށް ތައްޔާރުވުމުގެ މަސައްކަތް ރާއްޖެއިން ވަރަށް ކުރިން ވަނީ ފަށާފައިކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން މިއަހަރުގެ ރާއްޖެއިން ބައިވެރިވުން އެހެން އަހަރުތަކަށްވުރެ ފުރިހަމަ ވާނެކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. މިއަހަރުގެ އެކްސްޕޯގައި ރާއްޖޭގެ 40އަށްވުރެ ގިނަ އުފެއްދުންތެރިން ވަނީ ބައިވެރިވެފައެވެ. އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ބީސީސީ މެދުވެރިކޮށް އަދިވެސް މި ފުރުސަތު ހުޅުވާލެވިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ދުނިޔޭގެ 191 ޤައުމުން މި އެކްސްޕޯގައި ބައިވެރިވާއިރު މިއީ ރާއްޖެ ޕްރޮމޯޓްކުރަން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއްކެވެ. އެކްސްޕޯގެ ތެރެއިން ރާއްޖެ އިސްތިހާރުކުރުމަށް ތަފާތު ޙަރަކާތްތައް ބޭއްވުމަށް ނިންމާފައިވާކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ އެކްސްޕޯ 2020ގެ ރާއްޖޭގެ ޕެވީލިއަންގައި، ރާއްޖެ ރަމްޒުކޮށްދޭ ރީތި ގުދްރަތީ މަންޒަރުތަކުގެ އިތުރުން، ރާއްޖެ މިއަދާއި ހަމަޔަށް ކޮށްފައިވާ ތަރައްޤީގެ ދަތުރުގައި އަބަދުވެސް ބޭނުންކޮށްފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމާއި ސިޔާސަތުތަކާއި، ރާއްޖޭގެ ތާރީޚާއި ސަގާފަތް، މުޅި ދުނިޔެއަށް ދައްކާލެވިގެންދާނެ ކަމަށެވެ.

އަދި މި ޕެވިލިއަން މެދުވެރިކޮށް، ދިވެހިރާއްޖޭގެ ސަގާފީ ކުޅިވަރުތަކާއި ދިވެހި ޒުވާނުންގެ ރީތި މިއުޒިކީ ހަރަކާތްތަކާއި ސަގާފީ ނެޝުންތަކާއި ފަންނުވެރިކަން މުޅި ދުނިޔެއަށް ދައްކާލުމުގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކްސްޕޯ 2020އަށް 25 މިލިއަން މީހުން ޒިޔާރަތް ކުރާނެކަމަށް ލަފާކުރެވެއެވެ.

މި އެކްސްޕޯ ހިނގަމުންދާ މުއްދަތުގައި، ދިވެހި ސަރުކާރުން، ތަފާތު ދާއިރާތަކަށް އަމާޒުކޮށް، އިންވެސްޓްމަންޓް ފޯރަމްތަކާއި، ޚާއްސަ އިވެންޓުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމް ތަކާއި އިވެންޓްތަކުގައި، ދިވެހިރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތައް ބޭރުގެ އިންވެސްޓަރުންނަށް ހުށަހަޅާނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.