ޚަބަރު

ރާއްޖޭގެ ހުރިހާ އޮތޮޅެއްގައިވެސް މިހާރު އޭލެވެލް ހެދޭނެ


ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފަށައިފިއެވެ. މަތީ ސާނަވީއަށް ކިޔަވައިދިނުމަށް ފުރުޞަތުދެވޭ ސިޔާސަތަށް ގެނެވުނު ބަދަލާ ގުޅިގެން ކުރިން އޭ، ލެވެލް ކިޔަވައިނުދޭ އަތޮޅުތަކުގައިވެސް މިހާރު ވަނީ އޭ، ލެވެލްއަށް ކިޔަވައިދޭން ފަށާފައެވެ.

އެންމެ ފަހުން ރާއްޖޭގައި އޭ، ލެެވެލަށް ކިޔަވައިދޭނެ ފެށި، ވ.ކެޔޮދޫ ސްކޫލްގައި އޭ.ލެވެލްއަށް ކިޔަވައިދޭން ފެށުން ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީއެވެ. ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި އޭ، ލަވެލްއަށް ކިޔަވއިދެމުން އަންނައިރު އެންމެ ފަހު އަތޮޅެއްގެ ގޮތުގައި އޭލެވެލްއަށް ކިޔަވއިދޭން މިފެށީ ކެޔޮދޫ ސްކޫލްގައެވެ. މިއާއެކު ދިވެހިރާއްޖޭގައި މިހާރު އޭ، ލެވެލްއަށް ކިޔަވައިދޭ ސަރުކާރު 34 ސްކޫލެއްގައި ޖުމްލަ 1173 ދަރިވަރުން ތަޢުލީމު ޙާޞިލްކުރަމުން އެބަގެންދެއެވެ.

ކުރިން އެޑިއުކޭޝަން މިނިސްޓްރީގެ ޕޮލިސި އޮންނަ ގޮތުން ސްކޫލެއްގައި އޭ، ލެވެލްއަށް ކިޔަވައިދޭން ފެށެނީ މަދުވެގެން އޯލެވެލްގެ 5 މާއްދާއިން ފާސްވެފައިވާ 10 ދަރިވަރުން ތިބިގެންނެވެ. އެހެންނަމަވެސް މި އުޞޫލަށް ބަދަލުގެނަސް ކިޔަވަން ބޭނުންވާ ދަރިވަރުންނާއި ވަޞީލަތްތައް ހުރެއްޖެނަމަ މިހާރު އެ ސްކޫލެއްގައި އޭ، ލެވެލްއާ ހަމަޔަށް ކިޔަވައިދެވޭނެއެވެ. މިއާއެކު ކެޔޮދޫގެ ދަރިވަރުންނަށް ރަށުން ބޭރަށް މަތީ ޘާނަވީއަށް ކިޔަވަންދިއުމުގެ ބަދަލުގައި އަމިއްލަ ރަށުގައި މައިންބަފައިންގެ ކައިރީގައި ތިބެ ކިޔެވުމުގެ ފުރުޞަތު މިވަނީ ލިބިފައެވެ.

ކެޔޮދޫ ސްކޫލްގައި އޭލެވެލްއަށް ކިޔަވައިދޭން ފެށުމާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމަުން އެ ސްކޫލްގެ ޕްރިންސިޕަލް ޒަޢީމާ ހުސައިން ވިދާޅުވީ ރަށުގައި ތިބެގެން މަތީ ޘާނަވީއަށް ކިޔަވައިދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށެވެ. މިގޮތުން އޭލެވެލްއަށް ކިޔަވައިދިނުމަށްޓަކައި ސްކޫލްގައި ޖާގައިގެ ދަތިކަން އޮތްނަމަވެސް މިހާރު، އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކު އެކަމަށް ޚާއްސަ ކްލާސްރޫމެއް ތައްޔާރުކޮށްފައިވާކަމަށް ޒައީމާ ވިދާޅުވިއެވެ.

ކެޔޮދޫ ސްކޫލްގައި އޭ، ލެވެލްއަށް ކިޔަވައިދޭން ފެށީ މިއަހަރު ގްރޭޑް 10 ނިންމި 9 ދަރިވަރުންގެ ތެރެއިން 6 ދަރިވަރަކާއެކުގައެވެ. ޒަޢީމާ ވިދާޅުވީ އޭލެވެލްއަށް ކިޔަވައިދޭނީ މިހާރުވެސް އެ ސްކޫލްގައި ކިޔަވައިދެމުން އަންނަ މުދައްރިސުންކަމަށެވެ. އަދި އެރަށު ސްކޫލްގެ ދަރިވަރުންގެ އިތުރަށް އެހެން ރަށްރަށުގެ ދަރިވަރުންނަށްވެސް އެސްކޫލުން ކިޔެވުމުގެ ފުރުޞަތު އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކެޔޮދޫ ސްކޫލްގައި ފައުންޑޭޝަން ލެވެލްއިން ފެށިގެން ގްރޭޑް 10އާ ހަމައަށް ޖުމުލަ 212 ދަރިވަރަކު އަންނަނީ ކިޔަވަމުންނެވެ. އެރަށުގައި ގްރޭޑް 10 އުފައްދައި އޯލެވެލް ސެންޓަރެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ފުރަތަމަ ފަހަރަށް އޯލެވެލް ހަދާފައިވަނީ 2004ވަނަ އަހަރުގައެވެ.

ރާއްޖޭގެ ރަށްރަށުގެ ތެރެއިން އާބާދީ މަދު ރަށްތަކުގައި ކިޔަވައިދިނުމަށްޓަކައި އުނދަގޫތަކެއް އަންނަނީ ވަމުންނެވެ. އެހެންނަމަވެސް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ އެއްވެސް ކުއްޖަކު ބާކީ ނުކޮށް އެ ކުއްޖެއްގެ އުފަން ރަށުން ތަޢުލީމް ފޯރުކޮށްދިނުމަށެވެ. މިހާރުވެސް ސްކޫލް ނެތް ރަށްތަކާއި އާބާދީ މަދު ސްކޫލްތަކުގައި ސެޓަލައިޓް ސްކޫލް ތަޢާރަފްކޮށް ކިޔަވއިދޭން ވަނީ ނިންމާފައެވެ.