ކުޅިވަރު

ސާފްޗެންޕިއަންޗިޕަށް ލަންކާ ތައްޔާރުވީ ވަރަށް ދަތިހާލުގަ - އަލާޖިޗް


ސްރީލަންކާ ޓީމަށް މުބާރާތަށް ތައްޔާރުވާން ލިބުނީ ވަރަށް ކުޑަދުވަސްކޮޅެއް ކަމަށް ސްރީލަންކާ ޓީމުގެ ކޯޗު އަމީރު އަލާޖިޗް ބުނެފިއެވެ. ސާފް ޗެމްޕިއަން ޝިޕްގައި މިއަދު ހަވީރު ބަންގްލަދޭޝް އާއި ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ކޯޗު ބުނީ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ތިން މަސްވަންދެން އެއްވެސް ވަރަކަށް ފުޓްބޯޅަ ނުކުޅެ ތިބެން ޖެހުމުން ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނުކަމަށެވެ.

އަމީރު އަލާޖިޗް ބުނީ ސްރީލަންކާ ޓީމަށް މުބާރާތައް ތައްޔާރުވާން ވަގުތު ނުލިބޭކަމަށާއި މުބާރާތަށް އަންނަން ޖެހުނީ ވެސް ބޮޑު ސުވާލުމާކެއްގެ ތެރެއިން ކަމަށެވެ. ޚާއްސަކޮށް ދުނިޔެއަށް ދިމާވެފައި މިހާރު މިއޮތް ކޯވިޑް-19 ބަލިމަޑުކަމުގެ އަސަރު ޓީމަށް ވެސް ވަރަށް ބޮޑަށް ކުރިކަން އަމީރު ފާހަގަކުރިއެވެ.

ސާފް ޗެމްޕިއަންޝިޕް ކުރިން ބޭއްވުމަށް ހަމަޖެހިފައި އޮތީ ބަންގްލަދޭޝްގައެވެ. އެހެންނަމަވެސް ކޯވިޑްގެ ހާލަތު ބަންގްލަދޭޝްގައި އިތުރަށް ގޯސްވުމުން މުބާރާތް ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ލިބުނީއެވެ. މީގެކުރިން ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކޯޗުކޮށްދިން އަމީރު ވަނީ ރާއްޖޭގައި އެންމެ ފަހުވަގުތު މުބާރާތް ކުޅެންޖެހުމުން އެކަމާވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސްރީލަންކާ އާއި ދެކޮޅަށް ނިކުންނަ ބަންގްލަދޭޝް ޓީމުގެ ކޯޗު އޮސްކާ ބްރޫޒަން، މެޗުގެ ކުރިން ބުނީ މިމުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ހޯދުން އޭނާގެ ޓީމު އޮތީ ތައްޔާރުވެފައި ކަމަށެވެ.

ބަންގްލަދޭޝް ޓީމުގެ ކޯޗަކީ ވެސް ކުރިން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކޯޗުކޮށްދީފައިވާ ކޯޗެކެވެ. އަދި އެންމެ ފަހުން ނިމިގެންދިޔަ އޭ.އެފް.ސީ ކަޕްގައި ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސްގެ ކޯޗުގެ މަގާމްވެސް އަދާކުރަމުންދިޔައީ އޮސްކާއެވެ.

އޮސްކާ ބުނީ ޓީމާއެކު މިހާރު މަސައްކަތް ކުރަމުންދަނީ އާ ވައްޓަފާޅިއަކަށް ކުޅެވޭތޯ ކަމަށާއި އަބަދުވެސް މަސައްކަތް ކުރާނީ އިތުރު ކުރިއެރުންތަކެއް ހޯދުމަށް ކަމަށެވެ. ސާފް ޗެމްޕިއަންސް ޝިޕްގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ބަންގްލަދޭޝް އާއި ސްރީލަންކާއެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު ހަތަރެއް ޖަހާއިރުއެވެ.