ވިޔަފާރި

މާދަމާއިން ފެށިގެން ދިރާގުގެ މޮބައިލް އިންޓަނެޓް ޕެކޭޖްތަކުގެ އަގުތައް ހެޔޮކުރަނީ


ރައްޔިތުންނަށް ފޯރުކޮށްދޭ އިންޓަނެޓްގެ އަގުހެޔޮކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިރާގުން ފޯރުކޮށްދޭ މޮބައިލް އިންޓަނެޓް ޕެކޭޖްތަކުގެ އަގުތައް މާދަމާއިން ފެށިގެން ހެޔޮވެގެންދާނެކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ދިރާގުން ބުނީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑްވްސްއިން ކަނޑައަޅާފައިވާ އަގުތަކާއި އެއްގޮތްވާ ގޮތުގެ މަތިން މާދަމާއިން ފެށިގެން މޮބައިލް އިންޓަނެޓްގެ ޕެކޭޖްތަކުގެ އަގުތަކަށް ބަދަލުތައް އަންނާނެކަމަށެވެ.

ދިރާގުން ބުނީ އަލަަށް ގެނެވޭ ބަދަލާއެކު ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންތަކަށް 29އިންސައްތަ އާ ހަމައަށް އިތުރު އެލަވަންސް ލިބިގެންދާއިރު، ޑޭޓާގެ އަގު 22 އިންސައްތަ އާ ހަމައަށް ހެޔޮ ވެގެންދާނެކަމަށެވެ. ހަމަ މިއާއެކު، ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންތަކަށް 36 އިންސައްތައާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެއެވެ. އެގޮތުން، ކޮމްބޯ ޕްލޭންގެ ޑޭޓާގެ އަގު 33 އިންސައްތައާ އާ ހަމައަށް ހެޔޮވެގެންދާނެއެވެ. މީގެ އިތުރުން، އެލް. ޓީ. އީ ބްރޯޑްބޭންޑް "ވަގުތުން ގެއަށް އިންޓަނެޓް" ޕެކޭޖްތަކަށް 30% އާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ލިބުމުގެ އިތުރަށް އިންޓަނެޓްގެ ސްޕީޑް 10 އެމް.ބީ.ޕީ.އެސް އިން 25 އެމް.ބީ.ޕީ.އެސް އާ ހަމައަށް އިތުރު ވެގެންދާނެއެވެ.

މި ގެނައި ހެޔޮ ބަދަލާއެކު ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލައި ގިނަ ކަންތައްތައް އިންޓަނެޓް މެދުވެރިކޮށް ކުރެއްވޭނެކަމަށާއި އަދި ކޮންމެ ޖީބީއަކަށް ދާ ހަރަދު ނިސްބަތުން ހެޔޮވެގެންދާނެކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ މޮބައިލް އިންޓަނެޓް ޕްކޭޖްތަކަށް މި އަންނަ ބަދަލުތައް 1 އޮކްޓޯބަރ 2021 ގެ 00:00 އިން ފެށިގެން ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވަން ފަށާނެކަމަށެވެ. އަދި 1 އޮކްޓޯބަރ ގެ 06:00 އަށް ހުރިހާ ކަސްޓަމަރުންނަށްވެސް މި ބަދަލުތައް ފެނިވަޑައިގަންނަވާނެކަމަށާއި، ނަމަވެސް ދިރާގު މައި އެކައުންޓް އަދި މޮބައިލް އެޕްލިކޭޝަންގައި މި ބަދަލުތައް ފެންނަން ވަގުތު ކޮޅެއް ނަގާފާނެކަމަށް ދިރާގުން ބުނެއެވެ.

އޮކްޓޫބަރުމަހުގެ 1 ވަނަ ދުވަހުން ފެށިގެން މޮބައިލް އިންޓަނެޓް ޕެކޭޖްތަކުގެ އަގުތައް ހެޔޮވެގެންދާއިރު، މިދިޔަ ޖުލައިމަހު ވަނީ ގޭގެއަށް ފޯރުކޮށްދޭ އިންޓަނެޓްގެ ޕެކޭޖްތަކުގެ އަގުތައްވެސް ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. އެގޮތުން ރެސިޑެންޝަލް އިންޓަރނެޓް ޚިދުމަތްތައް ބޭނުންކުރާ 60 އިންސައްތައާއި 75 އިންސައްތައާ ދެމެދުގެ މީހުންނަށް ސީދާކޮށް މަހުފީ ވަނީ އަގުހެޔޮވެގެން ގޮސްފައެވެ.

ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައިވެސް ގިނަ ބަޔަކު މަސައްކަތް ކުރުމާއި އެހެނިހެން ބޭނުންތަކަށް އިންޓަނެޓަކީ ވަރަށް ބޮޑަށް ބަރޯސާވެފައިވާ އެއްޗަކަށްވާއިރު އިންޓަނެޓް ސްޕީޑް އެންމެ އެކަށީގެންވާ ގޮތަށް ނުލިބުމާއި އަގު ބޮޑުވުމަކީ އަބަދުވެސް ރައްޔިތުން ޝަކުވާ ކުރަމުން އައި ކަމަކެވެ.

އެހެންކަމުން އިންޓަނެޓް އަގު ހެޔޮކުރުމަކީ ރައީސުލް ޖުމުހޫއްރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙުގެ ރިޔާސީ ވަޢުދުފުޅެއްގެ ގޮތުގައި ކަނޑައަޅުއްވައި، މިއަދު އެމަސައްކަތް ކާމިޔާބުވެގެން ގޮސްފައި މިވަނީ އިންޓަނެޓްގެ ޙިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއެކު ސަރުކާރުން ބޭއްވެވި މަޝްވަރާތަކާ، ކުރެއްވި ބުރަ މަސައްކަތްތަކުގެ ސަބަބުންނެވެ.