ޚަބަރު

ރައީސް ޔާމީން ޖޫރިމަނާ ފައިސާ ނުދައްކަވާ މައްސަލައިގެ އަޑުހެއުންތައް ބުދަދުވަހު ފަށަނީ


މަނީ ލޯންޑްރިންގގެ ކުށް ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޙުކުމާއެކު ކުރި ޖޫރިމަނާ ފައިސާ ނުދެއްކެވާތީ، ބަންޑާރަ ނާއިބުގެ އޮފީހުން ސިވިލް ކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުމެއް އަންނަ ބުދަ ދުވަހަށް ތާވަލްކޮށްފިއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދައުލަތަށް ދައްކަންޖެހޭ 5 މިލިއަން ޑޮލަރު ކްރިމިނަލް ކުރި ޙުކުމާ އެއްގޮތަށް ދައްކާފައިނުވާތީ، ޙުކުމުގެ އެ ބައި ތަންފީޛުކުރުމަށް ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހުގައެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވީ، އެމައްސަލަ އެއޮފީހުން ސިވިލްކޯޓަށް ހުށަހެޅުމުން ޙުކުމް ތަންފީޒުކުރުމާއި ގުޅޭ މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ މަހުގެ ހައެއްވާ ބުދަ ދުވަހުގެ 11:20 އަށް ތާވަލުކޮށްފައިވާކަން ސިވިލް ކޯޓުން ވަނީ ބަންޑާރަ ނާއިބުގެ އޮފީހަށް އަންގާފައެވެ.

މަނީ ލޯންޑްރިންގގެ ޢަމަލެއް ހިންގުމުގެ ކުށް ސާބިތުވެ، އެކުށުގެ ޢުޤޫބާތެއްގެ ގޮތުން ކުރީގެ ރައީސް، ޔާމީން 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 28 ނޮވެންބަރު 2019 ގައެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައުލަތަށް ދެއްކުމަށް އަންގައި 26 ޖޫން 2021 ގައި މީރާއިން ރައީސް ޔާމީނަށް ފޮނުވި ނޯޓިސްއާ ޙަވާލުވެ، އެ ނޯޓިސްގައިވާ މުއްދަތުގައިވެސް ފައިސާ ދައްކާފައި ނުވާކަމަށެވެ.