ޚަބަރު

މާލެ ސަރަޙައްދުގެ ކޯވިޑް މެޑިކަލް ފެސިލިޓީތަކަށް ނަރުހުން ހޯދަނީ


މާލޭ ސަރަހައްދުގައި ހުރި ކޯވިޑް ފެސިލިޓީތަކުގައި ވަގުތީގޮތުން މަސައްކަތްކުރާނެ ނަރުހުން ހޯދުމަށް އައިޖީއެމްއެޗްއިން އިޢުލާންކޮށްފިއެވެ.

މާލޭ ސަރަޙައްދުގައި ހިންގާ ކޯވިޑް ފެސިލިޓީތައް ބަލަހައްޓަމުން އަންނަނީ އައިޖީއެމްއެޗްއިންނެވެ.

އައިޖީއެމްއެޗްއިން ހޯދުމަށް އިއުލާންކޮށްފައިވަނީ ކޯވިޑަށް ޕޮޒިޓިވްވާ މީހުންނަށް ޙާއްސަކޮށްފައިވާ ހުޅުމާލެ މެޑިކަލް ފެސިލިޓީއަށާއި މާލެ ސަރަޙައްދުގައި ހުރި ކޯވިޑް ބައްޔަށް ފަރުވާދޭ އެހެނިހެން ފެސިލިޓީތަކުގައި މަސައްކަތްކުރުމަށެވެ. އެގޮތުން 22 ރެޖިސްޓަރޑް ނަރުހުން ހޯދުމަށް އިޢުލާންކޮށްފައިވާއިރު، ނަރުހުން ހޯދަނީ 1 އަހަރު ދުވަހަށް، ވަގުތީ މުޢައްޒަފުންގެ ގޮތުގައެވެ.

ކޯވިޑް ފެސިލިޓީތަކުގައި މަސައްކަތްކުރާ ނަރުހުންގެ މަސައްކަތްތަކުގެ ތެރޭގައި ޑޮކްޓަރު ލިޔެދޭ ބޭހަށް އެއްގޮތަށް ފަރުވާދީ، ބަލިމީހާގެ ޙާލަތު ބަދަލުވަމުން އަންނަގޮތް ބަލަމުންގެން ދިއުމާއި، ބަލިމީހާގެ ރެކޯޑްތައް ބެލެހެއްޓުން ހިމެނެއެވެ. އަދި ބަލިމީހުންނަށް ބޭނުންވާ ނަރސިން ކެއަރ ރާވައި، އެ ޚިދުމަތް ދިނުން ހިމެނެއެވެ.

މި މަޤާމަށް އެދި ހުށައަޅާ ފަރާތަކީ ނަރސިންގެ ރޮނގަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6ގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ. މި މަގާމަށް އެދުމުގެ ފުރުޞަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ނަރުހުންނަށް ވަނީ އޮކްޓޯބަރުމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ. މި މަޤާމުތަކަށް މަހު މުސާރައިގެ ގޮތުގައި -/9060 ރުފިޔާ އަދި ސަރވިސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް -/188 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ކޮވިޑް މެޑިކަލް ފެސިލިޓީތަކުގައި މިވަގުތު އެޑްމިޓްކޮށްގެން 19މީހަކަށް ފަރުވާދެއެވެ. އަދި ހުޅުމާލޭގައި ހުންނަ ކޯވިޑް މެޑިކަލް ފެސިލިޓީއަކީ އެންމެ ގިނަ މީހުންނަށް ފަރުވާދެވޭ މަރުކަޒެވެ. އެ ފެސިލިޓީގެ ކެޕޭސިޓީ 300އާ ގާތްކުރެއެވެ.

ރާއްޖޭގައި ކޮވިޑްގެ ޙާލަތު އެންމެ ގޯސްވި ދުވަސްވަރު އެ ފެސިލިޓީގެ ހުރިހާ އެނދުތައް ފުރިގެންދިޔައެވެ. އެއާއެކު ސިއްޙީ އެހީތެރިން މަދުވުމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެ, ސިއްޙީ އެހީތެރިން ހޯދުމުގައިވެސް ސަރުކާރަށް ގޮންޖެހުންތަކާއި ކުރިމަތިވިއެވެ. ނަމަވެސް ރާއްޖޭގައި އެޅިގެން ދިޔަ ހަރުދަނާ ފިޔަވަޅުތަކާއެކު ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ވަނީ ކޮންޓްރޯލްކޮށްފައެވެ.